08 Apr 2010, 12:58
10:00
"ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާ" އާއި " ހޮލިޑޭއިން މާލެ" އިން އިންތިޒާމް ކޮށްގެން މިއަހަރުގެ ޖޫންމަހު ބޭއްވުމަށް ހަމަޖައްސާފައިވާ "ސައެންސް އެގްޒިބިޝަން 2010" އަށް ތައްޔާރުވުމަށް ސްކޫލްތަކަށް އެހީތެރިވުމަށް، އެ ދެ ފަރާތުން ހަދިޔާކުރާ ބައެއް ތަކެތި ސްކޫލްތަކާ ހަވާލުކުރެއްވުން ނައިބު ރައީސް ޑރ. މުޙަންމަދު ވަޙީދު އިފްތިތާޙް ކޮށްދެއްވައިފި އެވެ. މިކަން އިފްތިތާޙް ކުރެއްވުމުގެ ގޮތުން އެމަނިކުފާނު، އަމީނިއްޔާ ސްކޫލަށް ޓީޗިންގ އެއިޑްސް ހަވާލުކޮށްދެއްވި އެވެ.
އިއްޔެ ހަވީރު އަމީނިއްޔާ ސްކޫލްގައި އޮތް އެރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ސްކޫލްތަކުގެ މެދުގައި ސައެންސް އެގްޒިބިޝަނެއް ނުބޭއްވި ދުވަސްތަކެއް ވުމަށްފަހު، އަމިއްލަ ފަރާތްތަކެއްގެ އެހީގައި މިއަހަރު މި މަޢުރަޒު ބޭއްވޭކަމީ އެމަނިކުފާނު ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި، މި މަޢުރަޒުގެ ސަބަބުން، ސައެންސްގެ މާއްދާތަކަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަމިއްލައަށް ކަންކަން ހޯދާ ދެނެގަތުމުގެ ޝައުޤުވެރިކަން ދަރިވަރުންގެ ހިތްތަކުގައި އުފެއްދުމަކީ އެކުދިންގެ ވިސްނުމާއި ޢިލްމް ފުޅާކޮށްދޭނެ ކަމެއް ކަމަށާއި، ކިޔަވައިދިނުމުގައި ދަރިވަރުންނަށް މިފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި، އެކުދިންގެ ސިކުނޑި ފުރިހަމަ ގޮތުގައި ބޭނުންކުރުމަށްވެސް ދަރިވަރުންނަށް ދަސްކޮށްދޭންވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.