އިނގިރޭސި އެފްއޭ ކަޕްގައި ވޭތުވެދިޔަ ދެ ދުވަހު ކުޅުނު މެޗުތަކުން ޕްރިމިއާލީގު ތާވަލް ލީޑު ކުރަމުންދާ ޗެލްސީ އާއި މެންޗެސްޓާ ސިޓީ މުބާރާތުން ކެޓިއިރު، ރޭގެ މެޗު ކާމިޔާބު ކޮށް އާސެނަލް މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފައެވެ.

ރޭ ބްރައިޓަންގެ ދަނޑުގައި އެ ޓީމާ ބައްދަލުކޮށް، އެންމެ ފަހުގެ އެފްއޭ ޗެންޕިއަން އާސެނަލް މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރު ކުރީ 3-2 ގެ ނަތީޖާއަކުން ބްރައިޓަންގެ މައްޗަށް ކުރި ހޯދައިގެނެވެ. އެ މެޗުގެ ލީޑު އާސެނަލް ނެގީ މެޗުގެ ދެވަނަ މިނެޓުގައި، އެ ޓީމްގެ ތިއޯ ވަލްކޮޓް ކާމިޔާބު ކުރި ލަނޑުންނެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި އޮޒިލްގެ ލަނޑާއެކު، އާސެނަލް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްލިއެވެ.

މެޗުގައި ބްރައިޓަންގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފް ފެށިތާ ފަސް މިނެޓު ތެރޭ ކްރިސް އޯ ގްރޭޑީ އެވެ. އެ ލަނޑު ޖެހިތާ ނުވަ މިނެޓު ތެރޭ ތޯމަސް ރޯސިސްކީ އާސެނަލްގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން އިރު، ބްރައިޓަންގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައި ސަމެލް ބަލްޑޮކް އެވެ.

މެޗުގެ ފަހު 15 މިނެޓުގައި ބްރައިޓަން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފުރިހަމަ ވަގުތު ހަމަވިއިރު އެ ޓީމަށް ވަނީ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ.

މުބާރާތުގެ ފަސްވަނަ ބުރުން އާސެނަލް ޖާގަ ހޯދިއިރު، ލީގު ލީޑަރުން ކަމަށްވާ ޗެލްސީ އެ މުބާރާތުން ކެޓީ ހޮނިހިރު ދުވަހު ބްރެޑްފޯޑް ސިޓީއާ ބައްދަލުކޮށް، 4-2 ގެ ނަތީޖާއަކުން އެ ޓީމުގެ އަތް ދަށުވެގެނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށް، ކަހިލް އާއި ރަމިރޭސް ޗެލްސީއަށް މެޗުގައި އަވަސް ލީޑެއް ހޯދަދިނެވެ. ނަމަވެސް ފުރަތަމަ ހަފް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ޖޮނަތަން ސީޑް ބްރެޑްފޯޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކުރިއެވެ.

މެޗުގެ ދެވަނަ ހާފްގައި ފެނިގެން ދިޔައީ އަމިއްލަ ދަނޑުގައި މެޗު ކުޅެމުން ދިޔަ ޗެލްސީ އުފެއްދި ހަމަލާތައް ބްރެޑްފޯޑްގެ ޑިފެންސް ފޫއަޅުވާލަން ނާކާމިޔާބު ވިގެން ދިޔަ ތަނެވެ. އަދި ރަނގަޅު ކައުންޓާ އެޓޭކްތަކެއް އުފައްދަމުން ދިޔަ ބްރެޑްފޯޑް ވަނީ ފިލިޕް މޮރައިސް ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ 75 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ލީޑު ބްރެޑްފޯޑުން ފުރަތަމަ ފަހަރަށް ނެގީ ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމްގެ އެންޑްރޫ ކާމިޔާބު ކުރި ލަނޑުންނެވެ. އަދި ފުރިހަމަ ވަގުތު ނިމި، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ އެންމެ ފަހުމިނެޓުގައި ބްރެޑްފޯޑްގެ ޔީޓްސް ކާމިޔާބު ކުރި ލަނޑާއެކު، އެ ޓީމް ވަނީ ޗެލްސީ މުބާރާތުން ކަޓުވާލާފައެވެ.

އެފްއޭ ކަޕުން ސިޓީވެސް ކެޓީ އަމިއްލަ ދަނޑުގައި ކުޅެ، 2-0 ގެ ނަތީޖާއަކުން މިޑްލްސްބަރޯ އަތުން ބަލިވުމުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއް ޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، އެ ހާފްގައި ގޭމް ޑޮމިނޭޓް ކުރީ ސިޓީ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފް ފިށިތާ އިރުކޮޅެއްތެރޭ މިޑްލްސްބަރޯގެ ޕެޓްރިކް ބެމްފޯޑްގެ ފަރާތުންނެވެ. އެ ލަނޑާއެކު ސިޓީ އިތުރަށް މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ. މިޑްލްސްބަރޯއަށް މެޗު ކަށަވަރު ވެގެން ދިޔައީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތިންވަނަ މިނެޓުގައި އެ ޓީމްގެ ކިކޭ ކާމިޔާބު ކުރި ލަނޑުންނެވެ.