26 Jan 2015, 12:43
ޕީޕަލްސް ކަޕްގެ ފައިނަލުން މިހާރު ނިއުއަށް ޖާގަ ގެއްލިފައި ވާއިރު، ކުރިއަށް އޮތްތާ ކާމިޔާބީތަކެއް ހޯދުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އެ ކްލަބުން އަޅާނެ ކަމަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކަލްބުން ބުނެފިއެވެ.
ނިއުގެ ރަސްމީ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ބަޔާނެއްގައި ވަނީ ޕީޕަލްސް ކަޕްގައި މިހާތަނަށް އެ ޓީމަށް ނެރެވުނު ނަތީޖާއާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި އެ މުބާރާތުގައި ނިއުއިން ކަނޑައެޅި ޓާގެޓުތަކަށް ޓީމަށް ވާސިލުވެވިފައި ނުވުމުން، އެކަމާ ހިތާމަ ކުރާ ކަމަށްވެސް އެ ކްލަބުން ބުންޏެވެ.
"މިހާރު ކުރިއަށްދާ ޕީޕަލްސް ކަޕްގައި މިހަތަނަށް މި ކްލަބުން ހޯދިފައިވާ ނަތީޖާއާމެދު ކްލަބުގެ މެނޭޖްމަންޓުވެސް، އަދި ސަޕޯޓަރުންވެސް ހިންހަމައެއް ނުޖެހޭ. އަދި މި މުބާރާތުގައި ކަނޑައެޅި ޓާގެޓްތަކަށް ހާސިލް ނުވެވުމުން، އެކަމާމެދު އަހަރުމެން އެންމެންވެސް ހިތާމަ ފާޅުކުރަން،" އެ ކްލަބުން ބުންޏެވެ.
ނިއުއިން ބުނީ ޕީޕަލްސް ކަޕް ނިމުމުން އެ މުބާރާތުގައި ޓީމަށް ހޯދުނު ނަތީޖާ ތަކާމެދު މަޝްވަރާ ކުރަން ކްލަބުގެ މެނޭޖްމަންޓުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވާކަމަށެވެ. އަދި ނިއު އަކީ ކާމިޔާބު ކްލަބެއްގެ ގޮތުގައި ދަމަހައްޓަން މެނޭޖްމަންޓުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅަން ފަސް ނުޖެހޭނެ ކަމަށާއި، އެކަންކަމަށް ޓީމުގެ ކުޅުންތެރިންނާއި ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް އެ ކްލަބުން ބުންޏެވެ.
ޕީޕަލްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޕީޑީއާރްއެމްއާ ބައްދަލުކޮށް، އެ ކްލަބު ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި އެ މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި އެއަށްވުރެ ތަފާތުބޮޑު 3-1 ގެ ނަތީޖާއަކުން ސިންގަޕޯ ލަޔަންސް އަތުން އެ ޓީމު ބަލިވިއިރު، މުޅި މުބާރާތުގައިވެސް މިހާތަނަށް ނިއުއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ކުރިމަތި ލާއިރު، ވޭތުވެދިޔަ ތިން ސީޒަންގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު މިފަހަރު ވަނީ އެ ޓީމަށް ގެއްލިފައެވެ. އޭނާގެ ބަދަލުގައި އެ ކްލަބުން ސްޕެނިޝް ގޯލް ކީޕަރު ޕެޑްރޯ މަރެންކޯ ގެނެސްފައި ވާއިރު، ޕެޑްރޯގެ އިތުރުން އެ ކްލަބަށް މިފަހަރު ވަނީ ބްރެޒިލްގެ ދެ ފޯވާޑުން ކަމަށްވާ ރަފީނިއާ އާއި ސަންތޯސް ގެނެސްފައެވެ.
މި ސީޒަނަށް ނިއުގެ ކޯޗެއްގެ ގޮތުގައި އެ ކްލަބުން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުވެސް އެ ކްލަބަށް ކޯޗުކަން ކޮށްދިން ފިންލޭންޑް ކޯޗް މިކާ ލޮންސްޓްރޮމް އެވެ. މިކާ އާއެކު މިދިޔަ އަހަރު އެ ކްލަބް ވަނީ ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ލީގު މިލްކު ކޮށްފަ އެވެ. ނަމަވެސް ޕީޕަލްސް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް ބަލިވުމުން އެކަމުގެ ފުރިހަމަ ޒިންމާ އޭނާ އުފުލާ ކަމަށާއި، ކުރިއަށް އޮތް މެޗު ނިއުއަށް ކާމިޔާބު ކޮށްދޭން ވަރަށް މަސައްކަތް ކުރާނެ ކަމަށް މިކާ ވަނީ ބުނެފައެވެ.