ސިންގަލް ވިންޑޯ ނުވަތަ ގުޅި ލާމެހިފައިވާ "ކޮލަބްރޭޓެޑް" ނިޒާމެއްގެ ދަށުން ކަސްޓަމްސް އިން މަސައްކަތް ކޮށްގެން ނޫނީ އެއްވެސް ވިޔަފާރިއަކަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކަސްޓަމްސް ދުވަހާގުޅިގެން ބޭއްވި ޚާއްސަ ޖަލްސާގައި، މިއަހަރުގެ ކަސްޓަމްސް ޝިއާރުކަމަށްވާ "ކޯޑިނޭޓެޑް ބޯޑާ މެނޭޖްމަންޓް" ނުވަތަ "ޚިދުމަތުގެ ބައިވެރިން ގުޅުވައިދޭ ފުރިހަމަ ނިޒާމް،" މި ޝިއާރަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އެފަދަ ނިޒާމަކާ ނުލައި އެއްވެސް ވިޔަފާރިއަކަށް މިޒަމާނުގައި ނެރެވެންޖެހޭ ފުރިހަމަ ނަތީޖާ ނުނެރެވޭނެ ކަމަށާއި އެފަދަ ނިޒާމެއް މިއަދު ރާއްޖެއަށް ބޭނުންވަނީ އެހެންވެ ކަމަށެވެ.

"މިއަހަރު އަޅުގަނޑުމެން އަމާޒުކޮށް ނަތީޖާ ނެރެވޭތޯ މިބަލަނީ ގުލިފައިވާ ނިޒާމެއްގެ ތެރެއިން ޓްރޭޑް ފެސިލިޓޭޝަން އަށްޓަކައި މި ދެންނެވި ދުނިޔެ ބަލައިގެންފައި މިވާ ސޮފްޓްވެއާގެ ބޭނުން ހިފައިގެން ސިންގަލް ވިންޑޯއެއްގެ މަސައްކަތް ކުރުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް އަމާޒުހިފާފައިވާ އިރު، ވިޔަފާރިއާ ގުޅުންހުރި ހުރިހާ ވުޒަރާތަކާއި، އެޖެންސީތަކާއި ލޯއެންފޯސްމަންޓް އެޖެންސީތައް މިހާރުން މިހާރަށް މަސައްކަތް ކޮށްގެން ނޫނީ އެ އަމާޒު ހާސިލްކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ.

"އެހެން ވުޒާރާތަކުގެ އެއްބާރުލުން ވެސް އަޅުގަނޑުމެންނަށް މިވަގުތުން މިވަގުތަށް ބޭނުންވޭ. އެ މަސައްކަތް ކަސްޓަމްސް އިން ގެންދަވަނީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުން. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ދެން ކުލަގަދަގޮތެއްގައި މިއަހަރު ފެނިގެންދާނެ،" ސައީދު ވިދާޅުވިއެވެ.

ގުޅިފައިވާ ނިޒާމެއްގެ ތެރެއިން ތަނަށް ގެނެސްދޭނީ އަގުހެޔޮކޮށް އެފިޝިއެންޓް ކަމާއެކު މަސައްކަތްތައް ކުރުން ކަމަށާއި މުޅި ސިސްޓަމަށް ވިސްނާލައިފިނަމަ ވަޒީފާތަކާއި އެކިއެކި މަސައްކަތް އެތުރިފައިވާ ގޮތުގެތެރެއިން އެކީ އެކަށްޗެއްގޮތަށް މަސައްކަތް ކުރަން ފެށޭނެ ކަމަށާއި އޭގެ ސަބަބުން މުޅި އޯގަނައިޒޭޝަނުން ބޭނުންވާ އަމާޒު ވަރަށް ފުރިހަމައަށް ހާސިލް ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކަސްޓަމްސް އަކީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އިގްތިސޯދީ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ވަރަށް ފުރިހަމަ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާއެއް ކަމަށެވެ. އެގޮތުން ކަސްޓަމްސް އިން ކުރަމުން ގެންދާ މަސައްކަތް ތަކަކީ މި ސަރުކާރުގެ އިގްތިސޯދީ އެޖެންޑާގެ ނަތީޖާ ނެރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.