ވިލިމާލެއަށް ދަތުރުކުރާ ދެ ފެރީއެއް ހަލާކުވެ، ފްލީޓްގައި ބޭނުންކުރާ ފެރީތަކުގެ އަދަދު މަދުވުމުން ދަތުރުތަކަށް މިއަދު ބުރޫއަރައިފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ވިލިމާލެއަށް ދަތުރުކުރާ ދެ ފެރީއެއް މިއަދު ހެނދުނު ހަލާކުވުމުގެ ސަބަބުން އެގަޑީގައި ސްކޫލަށްދާ ކުދިންނަށާއި އަދި ހެނދުނު އޮފީހަށްދާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

"އެގަޑީގައި ވިލިމާލެއަށް މީހުން ގޮވައިގެން ދަތުރުކުރާ މީހުން ގޮވައިގެން ދާން އޮންނާނީ ހަތް ފެރީ. އޭގެ ތެރެއިން ދެ ފެރީއެއް ހަލާކުވި. އެހެންވެ އެގަޑީގައި ދަތިތަކެއް ކުރިމަތިވި ސްކޫލަށްދާ ކުދިންނަށާއި އަދި އޮފީސްތަކަށް ދުރުވާ ފަރާތްތަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 7:30 އިން ފެށިގެން 8:00 އާ ހަމައަށް ފެރީ ޓާމިނަލް ތެރެ ވަނީ ތޮއްޖެހިފަ އެވެ.

ވިލިނގިލީ ދެ ފެރީއެއް ހަލާކުވުމުގެ ސަބަބުން ބައެއް ފަރާތްތަކަށް މިއަދު ދަތިތަކާ ކުރިމަތިލާން ޖެހުނުއިރު ބައެއްފަހަރު ފެރީގެ މައްސަލައެއް ޖެހިއްޖެ ނަމަ ޓާމިނަލްތައް ފުނިޖެހެ އެވެ. އަދި ބައެއްފަހަރު ތިން ހަތަރު ފެރީ ދާއިރު ވެސް ފެރީތަކުން ދަތުރުކުރާ މީހުންނަށް ފެރީއަށް ނޭރި ނުފުރިފައި ތިބެން ޖެހެ އެވެ.

ވިލިމާލެއަކީ ގިނަ އަދަދެއްގެ އާންމުން ދަތުރުދާ ރަށެކެވެ. އެ ރަށުގެ އާބާދީގައި ގާތްގަނޑަކަށް 20،000 މީހުން ދިރިއުޅެ އެވެ.