ނުރައްކާތެރި ބައްޔެއް ކަމަށްވާ ޖުޒާމްބަލި (ލެޕްރަސީ) ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށާއި އެބަލި ދުނިޔެއިން މުޅިން ނައްތައިލުމަށް ކުރާ މަސައްކަތް އާ ކުރަން ޖެހޭ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރް ޑރ. ޕޫނަމް ކެތުރަޕާލް ސިންގް މިއަދު ވިދާޅުވެފައި ވަނީ 1983 ވަނަ އަހަރު ޖުޒާމްބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 11 މިލިޔަން މީހުން ކަމަށާއި ނަމަވެސް މިހާރު އަދަދު މިލިޔަނެއްގެ ހަތަރުބައިކުޅަ އެއް ބަޔަށް ވުރެ މަދުކުރެވިފައިވާ ކަމަށެވެ.

"... ލެޕްރަސީ ދުނިޔެ އިން މުޅިން ނައްތައިލުމަށް ދަތުރުކުރަން ޖެހޭ އެންމެ ފަހު މޭލަށް ދަތުރުކުރުމަށް އަޅުގަނޑުމެން ހިތްމަތް ކުރުން އާކުރަން ޖެހޭ،" މިއަދު ފާހަގަކުރާ ދުނިޔޭގެ ލެޕްރަސީ ދުވަހާ ގުޅިގެން ޑރ. ޕޫނަމް މިއަދު އާއްމުކުރެއްވި ހިތާބެއްގައި ވިދާޅުވެފައިވެ އެވެ.

ޑރ. ޕޫނަމް ވިދާޅުވެފައި ވަނީ ދުނިޔެ އިން ލެޕްރަސީ މުޅިން ނައްތައިލުމަށް ޓަކައި އެބަލި މިހާރު އާއްމުކޮށް ފެންނަ "ހޮޓް ސްޕޮޓް"ތަކަށް ސަމާލުކަމެއް ދީގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަކީ އެބަލީގެ މީހުން ނިސްބަތުން ގިނަ ސަރަހައްދެއްކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން މިދިޔަ ދުނިޔޭގައި އެބަލީގައި އުޅޭ 215656 މީހުން ތިބި އިރު އޭގެ ތެރެއިން 155385 މީހުންނަކީ މިސަރަހައްދުގައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ލެޕްރަސީއަކީ އެބައްޔަށް ފަރުވާ ކުރުމަށް ރަނގަޅު ބޭހެއް (އެމްޑީޓީ) ލިބެން ހުރި ނަމަވެސް ބަލި ފެތުރެނީ ބަލި ޖެހިފައިވާކަން ދެނެގަނެވޭލެއް ލަސްކަމުންނާއި ބައްޔާއި މެދު މީހުން ދެކޭ ގޮތުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ އެބައްޔާއި މެދު އަދިވެސް ބައެއް މީހުން ދެކެނީ ކަލާންގެ ފޮނުއްވާ ކޯފާއެއްގެ ގޮތުގައި ކަމަށާއި އެހެންވެ، ބަލި ޖެހޭ މީހުން އެކަހެރި ކުރާ ކަމަށެވެ.

ދުނިޔޭގެ ލެޕްރަސީ ދުވަހުގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހެވެ.