މިދިޔަ އަހަރުގެ އޮކްޓޯބަރާއި ނޮވެމްބަރު މަހު ބޭއްވި ކެމްބްރިޖް އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން އާއްމުކުރި، މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ ނިސްބަތް ވަނީ 2013 ވަނަ އަހަރާ އަޅާބަލާ އިރު 3.9 ޕަސެންޓް އިތުރުވެފަ އެވެ.

މިދިޔަ އަހަރު ކެބްރިޖް އޯލެވެލް އިމްތިހާނުގައި ފަސް މާއްދާ އިން ފާސްވި ނިސްބަތަކީ 46.9 ޕަސެންޓެވެ. އަދި އޭގެ ކުރީ އަހަރު ފަސް މާއްދާ އިން ފާސްވި ނިސްބަތަކީ 43 ޕަސެންޓެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންގައި ރާއްޖޭގެ 194 ސެންޓަރުން 7202 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެއީ ސްކޫލްތަކުން ބައިވެރިވި 5643 ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި 1559 ކެންޑިޑޭޓުންނެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ޔޫ ގްރޭޑް ލިބުނު ދަރިވަރުންގެ ނިސްބަތް އުޅެނީ 11 ޕަސެންޓުގަ އެވެ. މިއީ 2013 ވަނަ އަހަރާ އަޅާބަލާ އިރު 0.8 ޕަސެންޓުގެ ދަށްވުމެކެވެ. ދެ ހާސް ތޭރަ ވަނަ އަހަރުގެ ސާނަވީ އިމްތިހާނުން ޔޫ ގްރޭޑް ލިބުނު ދަރިވަރުންގެ ނިސްބަތަކީ 11.8 ޕަސެންޓެވެ.

އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައިގެ ހިމެނުނު ދަރިވަރުންގެ އަދަދަށް ބަލާ އިރު، މިދިޔަ އަހަރު ގަދަ ދިހައެއްގައި 479 ދަރިވަރަކު ހިމެނިފައިވެ އެވެ. އަދި 2013 ވަނަ އަހަރު ގަދަ ދިހައެއްގައި ހިމެނިފައި ވަނީ 478 ދަރިވަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، ނަތީޖާތައް ރީޗެކް ކުރުމަށް ފަހު ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.