26 Jan 2015, 10:29
މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ލޯނަށް 176 އަށް ވުރެއް ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ނައިބު އަހުމަދު ހާފިޒު މިއަދު "ސަން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަސްވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ލޯނު އަންނަ މަހުގެ ތެރޭގައި ދޫކުރަން ފަށާނެ ކަމަށެވެ. ހާފިޒު ވިދާޅުވީ އެ ލޯން ސަރުކާރުން ދޫކުރާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.
"އެއްބަޔަކީ މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށްދޭ ލޯނު. އެފަރާތްކަށް އަޅުގަނޑުމެން މި ދޫކުރަނީ ރަހުނަކާ އެކު އެއްލައްކަ ރުފިޔާ. ދެން ރަހުނަކާ ނުލައި ވެއްޖިއްޔާ 50،000 ރުފިޔާ. އަނެއް ބަޔަކީ އޮޑި ދޯނި ފަހަރު ތަރައްގީ ކުރުމަށް ނުވަތަ ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނެރުން. އެ ބަޔަށް އަޅުގަނޑުމެން ދޫކުރުމަށް ނިންމާފައި މިވަނީ 800،000 ރުފިޔާ،" ހާފިޒު ވިދާޅުވި އެވެ.
ހާފިޒު ވިދާޅުވީ ޒުވާނުން މަސްވެރިކަމަށް ނެރުމަށް ދޫކުރާ ލޯނަށް އެދި ހުޅުވާލި ފުރުސަތުުގައި 19 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ލޯނަށް 5.8 މިލިއަން ރުފިޔާގެ ސްކީމެއް ހަމަޖައްސާފައިވާ އިރު މަސްވެރިކަމުގެ އޮޑިދޯނި ފަހަރު ތަރައްގީކޮށް ޒުވާން މަސްވެރިން މަހަށް ނުކުތުމަށް ބާރުއެޅުމުގެ ގޮތުން ދޫކުރާ ލޯން ސުކީމަށް 8.7 މިލިއަން ރުފިޔާ ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.