މީގެ ހަތަރު އަހަރު ކުރިއާ އަޅާ ބަލާ އިރު އިންޑިއާގައި 30 ޕަސެންޓް ނޫނީ ތިން ބައިކުޅަ އެއްބައި މިނިކާވަގު އިތުރުވެއްޖެ އެވެ.

އިންޑިއާގެ އެންވަޔަރަމަންޓް މިނިސްޓަރު ޕްރަކާސް ޖަވާދީކަރާ ހަވަލާދީ ބީބީސީ އިން މިދިޔަ ހަފްތާގައި ބުނީ 2011 ވަނަ އަހަރު އިންޑިއާގައި މިނިކާވަގުގެ އާބާދީއަކީ 1706 ކަމަށާއި ނަމަވެސް އެ އަދަދު 2014 ވަނަ އަހަރު ނިމުނު އިރު 2226 އަށް އަރާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިނިކާވަގު އިތުރުވީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ދުނިޔޭގެ މިނިކާވަގުގެ އާބާދީގެ 70 ޕަސެންޓް އުޅޭނީ އިންޑިއާގައި ކަމަށް ބެލެވެ އެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގައި މިނިކާވަގު ޖަނަވާރުގެ އާބާދީ ދަނީ ދަށަށް ކަމަށާއި އިންޑިއާގައި އެ ޖަނަވާރުގެ އާބާދީ އިތުރުވުމަކީ އުފާވެރި ކަމެއް ކަމަށެވެ.

މިނިކާވަގުގެ އާބާދީ އިތުރު ކުރުމަށް އިންޑިއާގައި އެޅި ފަދަ ފިޔަވަޅުތައް ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް އަޅައިފި ނަމަ އެ ސޮރުމެންގެ އާބާދީ އިތުރު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ މިނިސްޓަރު ވިދާޅުވީ މިނިކާވަގުގެ އާބާދީ ދުނިޔޭގައި އިތުރު ކުރުމަށް އިންޑިއާ އިން އެހީތެރިވެވިދާނެ ކަމަށާއި އަދި އެ ސޮރުމެންގެ ކުދި އެއްޗެތި ދިނުމަށް ވެސް އެހޭތެރިވެވިދާނެ ކަމަށެވެ.

އިންޑިއާގައި ޓައިގަރުންގެ އާބާދީ އިތުރުވާ ކަމަށް މި ބުނީ، ވަލު ޖަނަވާރުގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކުން މިނިކާވަގުގެ އާބާދީ ދަށަށްދާ ކަމުގެ އިންޒާރުދީ އަދި އެ ސޮރުމެންގެ ދަރިފަސްކޮޅު ނެތިދާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2008 ވަނަ އަހަރު ނިމުނު އިރު އިންޑިއާގައި މިނިކާވަގުގެ އާބާދީ އަކީ 1411 އެވެ.