ޗައިނާ ސަރުކާރުން ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމު ކުރުމުގެ ވިސްނުން ނުގެންގުޅޭތީ އުފާ ކުރާކަމަށް އެމްޑީޕީން ބުނެފި އެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ލ. އަތޮޅުގެ ބިމެއް "މިލިޓަރީ ބޭސްއެއް ހެދުމަށް، 99 އަހަރަށް ކުއްޔަށް ދިނުމަށް" ނިންމަވައި ބަދަލުގައި ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ދޮގުކޮށް ޗައިނާ ސަރުކާރުން ނެރުނު ބަޔާނާ ގުޅިގެން އެމްޑީޕީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރުމަށް ބިމެއް ހޯދުމަށް ސަރުކާރާ އެކު މަޝްވަރާ ނުކުރާ ކަމަށް ޗައިނާ ސަރުކާރުން ބުނެފައި ވާތީ އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ "އެސްކޯޓު މިޝަން"ތަކުގައި މަޑުކޮށްލާނެ ހާބަރެއްގެ ނުވަތަ ބިމެއް ސީޝަލް އިން ނުވަތަ އެހެނިހެން ގައުމުތަކުން ވެސް ހޯދަމުން ދާކަމަށް 2011 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ސީޝަލްގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި ދިވެހި ރާއްޖެ އާއި ޗައިނާއާ ދެމެދު އުފެދުނު ގާތް ގުޅުމާއި ޗައިނާ އިން ބޮޑެތި ހޭދަތަކެއް ރާއްޖެ އަށް ކުރަމުންދާ ދިއުމުގައި އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމްކޮށްފާނެ ކަމުގެ ޖާގަ އޮތުމުން އެމްޑީޕީން އެކަމުގައި ކަންބޮޑުވުން ފާޅުކުރީ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ތާރީހުގައި، ދުނިޔޭގެ ބާރުވެރި ގައުމުތަކުން، ރާއްޖެ އަށް ބޮޑެތި ހޭދަތައް ކޮށްފައި ވަނީ އަސްކަރީ އެފަދަ ބޭނުންތަކަށް އެދިގެން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. ޗައިނާގެ މިލިޓަރީ ބޭހެއް ހެދުމަށް ލ. އަތޮޅުން ބިމެއް ޗައިނާ ސަރުކާރަށް ކުއްޔަށް ހިފަން އުޅޭ ކަމަށް ނަޝީދު ދެއްކެވި ވާހަކަފުޅު އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އަދި ޗައިނާ އެމްބަސީގެ ބަޔާނުގައި ބުނީ އެ ގައުމުގެ ސިޔާސަތަކީ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުން ކަމަށާއި ފަހަރެއްގައި ވެސް އެއްވެސް ބަޔަކާ ދޭތެރޭ އެނޫން ގޮތަކަށް ނުދެކޭ ކަމަށެވެ.

"ޗައިނާ އިން ދުނިޔޭގެ އެއްވެސް ގައުމެއްގައި މިލިޓަރީ ބޭސް އަޅައި ބަލަހައްޓާ ގޮތަކަށް ނޫން އޮންނާނީ." ޗައިނާ އެމްބަސީގެ ބަޔާނުގައި ބުންޏެވެ.

އަދި އެ ބަޔާނުގައި ބުނީ ޗައިނާގެ ބޭރުގެ ސިޔާސަތު ބިނާ ވަނީ ފަސް އަސާސެއްގެ މައްޗަށް ކަމަށާއި އޭގެ ތެރޭގައި ސުލްހަ މަސްލަހަތާއި ތަރައްގީ އާއި އަދި ދެ ފަރާތަށް ފައިދާކުރުވަނިވި ގޮތަކަށް ތަރައްގީ ގެނައުން ހިމެނޭ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދުގެ ގުޅުމުގެ ބިންގަލަކީ ވެސް އެއީ ކަމަށާއި ދެ ފަރާތުގެ މަސްލަހަތުގެ އިތުރަށް އެ ގުޅުމަކީ ދެ ފުށް ފެންނަ ދުނިޔެ އަށް ހުޅުވާލެވިފައިވާ ސިޔާސަތެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.