ޕީޕަލްސް ކަޕްގައި މިދިޔަ ހޮނިހިރު ދުވަހު ސިންގަޕޯ ލަޔަންސްއާ ދެކޮޅަށް ނިއުރޭޑިއެންޓް ކުޅުނު މެޗުގައި، އެ ޓީމްގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ)ގެ ފަރާތުން ފެނިގެން ދިޔަ ކަންކަމަށް އޭނާއާމެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން އެ ކްލަބުން ނިންމައިފިއެވެ.

ނިއުއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ މެދު އެ ކްލަބުން ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިންމީ އެ މެޗުގައި ލަޔަންސް ޓީމުގެ ކުޅުންތެރިއަކަށް ނުރައްކާތެރި ފައުލެއް ކުރުމުން ކަމަށެވެ.

އެ މެޗުގައި ލަޔަންސްއިން އުފެއްދި ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭ ހޮކޭ ވަނީ ލަޔަންސްގެ ކުޅުންތެރިއަކު ނުރައްކާތެރި ގޮތަކަށް ޓެކްލް ކޮށްފައެވެ. އަދި އެ ޓެކްލަށްފަހު، ހޮކޭއާ އެ ކުޅުންތެރިޔާއާ ދެމެދު ހަމަ ނުޖެހުންތަކެއް ހިނގާފައި ވާއިރު، އެ ހަމަނުޖެހުމުގެ ސަބަބުން ނިއުގެ ސަޕޯޓަރުންވެސް ވަނީ ދަނޑު ކައިރިއަށް ގޮސް ނުރުހުން ފާޅުކޮށްފައެވެ. މެޗުގައި އޭގެ ކުރިންވެސް ރީނދޫ ކާޑެއް ދެއްކި ހޮކޭއަށް އެ ފައުލްގެ ސަބަބުން ރެފްރީ ވަނީ އިތުރު ރީނދޫ ކާޑެއް ދައްކައި، ރަތް ކާޑަކާއެކު ދަނޑުން ފޮނުވާލާފައެވެ.

ނިއުއިން ބުނީ ހޮކޭ ޓެކްލް ކުރި ކުޅުންތެރިޔާގެ އިތުރުން ލަޔަންސް ޓީމުގެ ކުޅުންތެރިންނާއި ނިއުގެ ކުޅުންތެރިނާއި މެނޭޖްމަންޓް އަދި ސަޕޯޓަރުންގެ ފަރާތުން މާއާފަށް އެދެން އެ ކްލަބުން ހޮކޭއަށް އަންގާފައި ވާކަމަށެވެ. އަދި އޭގެ އިތުރުން ނިއުއިންވެސް ވަނީ އެ މެޗުގައި ހިނގާ ދިޔަ ކަންކަމަށް ލަޔަންސް ޓީމުގެ ފަރާތުން މައާފަށް އެދިފައެވެ.

ނިއުއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޓީމުގެ ކުޅުންތެރިންގެ ޑިސިޕްލިން ދެމެހެއްޓުމަށް އެ ކްލަބުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ޓީމަށް ދޭ އެއް ބާރުލުމަށް ކުޅުންތެރިންނަށް ޝުކުރު އަދާކުރުމުގެ އިތުރުން، އެ ކްލަބުން ވަނީ ޓީމަށް ސަޕޯޓު ކުރުމާއި ރެފްރީންގެ ނިންމުންތަކަށް އިހުތިރާމް ކުރުމުގައި އަޚުލާގީ މިންގަނޑުތައް ދެމެހެއްޓުމަށް އެ ކްލަބުގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ.

ހޮނިހިރު ދުވަހު ކުޅުނު އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ލަޔަންސް ޓީމުގެ ކޯޗް ފާންދީ އަހުމަދުވެސް ވަނީ އެ މެޗުގައި ލަޔަންސްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކަންކަމަށް މައާފަށް އެދިފައެވެ. އަދި އެ މެޗުގައި ލަޔަންސްގެ ބައެއް ކުޅުންތެރިން ކަންތައް ކުރި ގޮތާ މެދު އޭނާ ވަރަށް ދެރަވާ ކަމަށް ލަޔަންސް ޓީމްގެ ކޯޗް ފާންދީ ވަނީ ބުނެފައެވެ.

ވޭތުވެދިޔަ ސީޒަންގައި ނިއުއިން ފެނިގެން ދިޔަ ހޮކޭ އެ ޓީމާ ގުޅިފައި ވަނީ 2013 ވަނަ އަހަރު މާޒިޔާއަށް ކުޅެދިނުމަށްފަހު، މިދިޔަ އަހަރު އެވެ. އަދި މި އަހަރުގެ ކުރީކޮޅު އޭނާ ވަނީ ނިއުއާއެކު ވެފައިވާ އެއްބަސްވުން ފަސް އަހަރު ދުވަހަށް އިތުރު ކޮށްފައެވެ.

ނިއުއިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ހޮކޭއާ މެދު ވަނީ ޑިސިޕްލިންރީ ފިޔަވަޅު އަޅާފައެވެ. އެފަހަރު އެނާއާމެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން އެ ކްލަބުން ނިންމީ އީދު ބަންދުގައި ރަށެއްގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ބައިވެރި ވުމުގެ އިތުރުން، ބަންދަށްފަހު ކްލަބުން ބޭއްވި ފުރަތަމަ ޕްރެކްޓިސްއަށް ހާޒިރު ނުވީމައެވެ.