އައިޖީއެމްއެޗު ގޯތިތެރޭގައި އެސްޓީއޯ އިން އަށް ކައުންޓަރުގެ ބޭސް ފިހާރައެއް މިއަދު ހުޅުވައިފި އެވެ.
ބުރުޒުމަގުން އައިޖީއެމްއެޗުގެ ކެޝުއަލްޓީ ހުންނަ ދޮރާށިކައިރީގައި އަލަށް ހެދި ބޭސްފިހާރަ ހުޅުވައިދެއްވީ މާލޭ ހެލްތު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޒުބެއިރު މުހައްމަދެވެ.

އައިޖީއެމްއެޗްގައި އެސްޓީއޯ އިން ކުރިން ހިންގި ބޭސް ފިހާރަ ގޯތިތެރެއަށް ބަދަލުކޮށް މިއަދު ހުޅުވި ބޭސްފިހާރަ އިން ޚިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ޖާގައިގެ ގޮތުން ތަނަވަސް އެ ބޭސް ފިހާރައިގައި އިށީނުމަށް 34 ސީޓު ވަނީ ޖަހައިފަ އެވެ.

އައިޖީއެމްއެޗްގެ ބޭހުގެ ސްޓޮކް ބެލެހެއްޓުން ދެ އަހަރު ދުވަހަށް އެސްޓީއޯ އާ ހަވަލުކުރުމުގެ ގޮތުން އެއްބަސް ވުމެއްގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލި މީހުންނަށް ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.