ގާހިރާ (ޖަނަވަރީ 26) : މިސްރުގެ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާތަކާއި އިޙްތިޖާޖްތައް ރޫޅާލުމަށް ސިފައިންނާއި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 20 މީހުން މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ރައްޔިތުންގެ އިންތިފާޟާއަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުނުތާ ހަތަރު އަހަރުފުރުން ފާހަގަ ކުރުމަށް ޓަކައި މިސްރުގެ އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެން ދިޔަ މުޒާހަރާތަކަކީ މިފަހަކަށް އައިސް މިސްރުގައި ކުރިޔަށްދިޔަ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. މިމުޒާހަރާތަކަށް ހުރަސްއެޅުމަށް ޓަކައި މިސްރުގެ ސިފައިންނާއި ފުލުހުން ހިމެނޭގޮތަށް ސަލާމަތީ ބާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައި ތަހްރީރު މައިދާން މާކުރިން ބަންދުކޮށްފައި ވީނަމަވެސް މުޒާހަރާކުރި މީހުން އެމީހުން ބޭނުންވި ގޮތަށް އެކަން ގެންދިޔަކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިއްޔެ މުޒާހަރާތައް އުތުރުގެ އިސްކަންދަރިއްޔާ ސިޓީން ފެށިގެން ދެކުނުގެ ރައްފުށުގެ ސަރަހައްދު ކަމަށްވާ ސައީދް އާ ދެމެދުގައިވާ ރަށްތަކާއި އަވަށްތަކާއި ވިލެޖްތަކުގައި ކުރިޔަށްދިޔަކަމަށް އަލްޖަޒީރާ ޚަބަރު ދެ އެވެ. މިއީ މިސްރުގެ ވެރިކަމަށް އަބްދުލްފައްތާޙް އައްސީސީ ވަޑައިގެންނެވި ފަހުން އެގައުމުގައި ކުރިޔަށް ދިޔަ އެންމެ ވަރުގަދަ އަދި އެންމެ ލޭއޮހޮރުވުން ބޮޑު މުޒާހަރާތައް ކަމަށް މުރާސިލުންވަނީ ސިފަކޮށްފަ އެވެ.

2011 ވަނަ އަހަރުގެ ޖަނަވަރީ މަހު މިސްރުގެ އޭރުގެ ރައީސް މުހައްމަދު ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓިގެންދިޔައީ އޭނާގެ ވެރިކަމާ ދެކޮޅަށް މިސްރު ރައްޔިތުން އުތުރިއެރުމާ އެކު މިސްރުގެ ސަލާމަތީ ބާރުތަކުގެ އަތްދަށުން އެތައް ސަތޭކަ ބަޔަކު މަރުވެ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް ބޮޑުވެ މުބާރަކް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މުބާރަކްގެ ދިގުލީ ވެރިކަން ވެއްޓުމުގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިސްރުގައި އިއްޔެ ކުރިޔަށްދިޔަ މުޒާހަރާތަކާއި އިޙްތިޖާޖްތަކަކީ މިހާރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ކުރި އިޙްތިޖާޖްތަކެކެވެ. މި މުޒާހަރާތަކުގައި ބައިވެރިވި މީހުން އަޑުއުފުލާފައި ވަނީ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށެވެ.

މުބާރަކުގެ ވެރިކަމަށް ފަހު މިސްރުގައި ބޭއްވި މިނިވަން އިންސާފުވެރި އިންތިޚާބަކުން އުފެދިގެންދިޔަ ޑރ. މުހައްމަދު މުރުސީގެ ވެރިކަން ޢަސްކަރީ އިންގިލާބަކުން ވައްޓާލައި މުބާރަކްގެ ދުވަސްވަރު އޮތް ޙާލަތަށް މިސްރު ގެންދިޔައީ ސީސީކަމަށް އިއްޔެގެ މުޒާހަރާތަކުގައި ބައިވެރިވި މީހުން ގޮވަމުން ގެންގޮސްފައިވެ އެވެ. އަސްކަރީ އިންގިލާބަށް ފަހު ބޭއްވި އިންތިޚާބަކުން ސީސީ ވެރިކަން ހޯއްދެވި ނަމަވެސް މިއިންތިޚާބަކީ އޭނާގެ ވާދަވެރި ހުރިހާ ފަރާތްތަކެއް ޝާމިލްވާގޮތަށް ބޭއްވި މިނިވަން އިންސާފުވެރި އިންތިޚާބެއްނޫނެވެ.

މުބާރަކުގެ ވެރިކަން ވެއްޓުނުތާ ހަތަރު އަހަރު ފާހަގަ ކުރުމުގެ ގޮތުން އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކޮށްފައިވެ އެވެ. މި ކަންތައްތައް އިންތިޒާމްކޮށްފައި ވަނީ ސީސީގެ ވެރިކަމާ އިދިކޮޅު ލެބެރަލް ފިކުރުގެ އެކްޓިވިސްޓުންނާއި މަގާމުން ދުރުކޮށްފައިވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ތާއީދުކުރާ އެކްޓިވިސްޓުންނެވެ. މިމުޒާހަރާތަކާއި އިޙްތިޖާޖްތަކަކީ މިސްރުގެ ސަލާމަތީ ބާރުތަކުން ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނިކޮށް ވެސް ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމާ ދެކޮޅަށް ތެދުވުމުގެ ގާބިލްކަން އޭނާގެ ވެރިކަމުގެ ނިޒާމާ އިދިކޮޅު ފަރާތްތަކަށް ލިބިގެންވާކަން ވަރަށް ރަނގަނޅަށް ހާމަވެގެންދިޔަ މުޒާހަރާތަކެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ.

އިއްޔެ މުޒާހަރާތައް ސުލްޙަވެރިކަމާއެކު ކުރިޔަށްދަނިކޮށް މުޒާހާރާތައް ހޫނުވެގެންދިޔައީ މިސްރުގެ ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވަން މަސައްކަތްކުރުމުންނެވެ. މިސްރުގެ ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މަރުވި 20 މީހުންގެ ތެރޭގައި ގިނައީ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ އެކްޓިވިސްޓުންނާއި އާންމުންނެވެ. ނަމަވެސް މިސްރުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ދެމީހުން ވެސް މަރުވެ އިތުރު ހަތަރު މީހަކު ޒަޚަމްވި ކަމަށް މިސްރުގެ ސިއްޙަތާބެހޭ ވުޒާރާ އިން ބުނެފައިވެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ކުރި މުޒާހަރާތަކާ ދެކޮޅަށް ވެސް މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް އަންހެނަކު މަރާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)