26 Jan 2015, 09:16
ނިއުދިއްލީ (ޖަނަވަރީ 26) : ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާއާއި އިންޑިޔާ އެއްބަސްވެއްޖެ އެވެ.
މިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއެކު ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ ދެގައުމު ގުޅިގެން ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އޭނާއާއި މޯދީ އެއްބަސްވެ ވަޑައިގެންފައިވާ ކަމަށާ މަދަނީ ކަންކަމުގައި އިންޑިޔާއަށް ބޭނުންވާ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އެމެރިކާގެ ކަމާބެހޭ ކުންފުނިތައްތިބީ ތައްޔާރަށް ކަމުގަ އެވެ.
އިންޑިއާގެ މީޑިއާ ބުނާގޮތުން އޮބާމާގެ ދަތުރުފުޅުގެ ތެރޭގައި މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކުރުމުގައި އެމެރިކާގެ އެއްބާރުލުން ދިނުމާބެހޭ މެމޮރެންޓަމް އޮފް އަންޑަސްޓޭންޑިން އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އަދި އެއަށް ފަހު އިންޑިއާ އާއި އެމެރިކާގެ ކުންފުނިތަކާ ދެމެދު މަދަނީ ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ވެރިކަމުގައިވެސް އެމެރިކާ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ނަމަވެސް އެއެއްބަސްވުމުގެ ސަބަބުން އިންޑިއާއަށް ގެއްލުންތަކެއް ލިބިގެންދާނެކަމަށްބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރުމުން އެއެއްބަސްވުމަށް އަމަލުނުކުރުމަށް މަންމޯހަން ސިންގްގެ ސަރުކާރުން ފަހުންވަނީ ނިންމާފަ އެވެ.
އޮބާމާގެ އިންޑިއާ ދަތުރުފުޅުގައި ދިފާޢީ ކަންކަމުގައާއި އިގްތިސާދާއި ވިޔަފާރީގެ ދާއިރާތަކުގައި ވެސް އެމެރިކާއާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުމަށާއި އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި އެވެ. މިކަމާބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ. އޮބާމާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ނިއުދުއްލީއަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އޮބާމާ އިއްޔެ އިންޑިޢާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވާފައިވާއިރު މިއަދު އޭނާ އިންޑިއާގެ ރައީސް ޕަރަނާބް މުކަރްޖީއާއި ޕާލަމެންޓްގެ ރައީސާއި އެހެނިހެން ސިޔާސީ އިސް ފަރާތްތަކާ ބައްދަލުކުރައްވާނެ އެވެ.
އޮބާމާގެ ދަތުރުފުޅާ ގުޅިގެން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފަ އެވެ. (ރޮއިޓާސް)