26 Jan 2015, 01:20
މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް އައްޔަންކުރާނެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕްރައިވަޓައިޒޭޝަން ބޯޑަށް ފޮނުއްވައިފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެބޭފުޅަކީ މިހާރު އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަދި އެކުންފުނީގެ ހެޑް އޮފް އިންވެސްޓްމެންޓު ފައިނޭންސް އާދިލް މޫސާއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިރޭ 'ސަން'އަށް ވިދާޅުވީ، އެމްއޭސީއެލްގެ އެމްޑީއަކަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ޔާމީން ނަންފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ނަންފުޅު ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް މުއާޒު ވިދާޅުވި އެވެ.
"ދެން ނަމެއް އަޅުގަނޑުމެންނަށް ހާމަ ކުރެވޭނީ ބޯޑުން އެކަން ނިންމެވުމުން،" މުއާޒު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް ޔާމީން ނަންފުޅެއް ފޮނުވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ބަންދު އިބްރާހީމް ސަލީމް މިދިޔަ ހަފްތާގެ ބުދަ ދުވަހު މަގާމުން ވަކި ކުރެއްވުމާ ގުޅިގެން ނެވެ.