ޏ. ފުވައްމުލަކުން މާލެއަށް ދަތުރުކުރި "ވީނަސް ބޯޓު" މާލެ އަތޮޅު މަނިޔަފުށި ކައިރީ އޮތް ފަރަކަށް އެރުމާ ގުޅިގެން އެ ބޯޓުގައި ތިބި މީހުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖަރ ހުސައިން އަލީ މިރޭ 'ސަން'އަށް ވިދާޅުވީ، މިރޭ ގާތްގަނޑަކަށް 21:09 ކަންހާއިރު ހިނގި ހާދިސާގައި ފަރަށް އެރި ވީނަސް ބޯޓު މިހާރު ވަނީ އެއްކޮށް އަޑިއަށް ގޮސްފައި ކަމަށެވެ.

ހުސައިން އަލީ ވިދާޅުވީ، ބޯޓު ފަރަށް އަރާފައިވާ ސަރަހައްދުގެ މޫސުން ހުރިގޮތުން މިވަގުތު އިތުރު މަސައްކަތެއް ކުރެވެން ނެތްކަމަށާއި އެހެން ނަމަވެސް ބޯޓުގައި ތިބި އެންމެން ސަލާމަތްތެރި ކަމާއެކު ކޯސްޓްގާޑުގެ ލޯންޗަކަށް އަރުވާފައިވާ ކަމަށެވެ.

"ބޯޓުން ދަތުރުކުރި މީހުން ލައިފް ޖެކެޓު އަޅައިގެން ފަރުމަތީގައި ތިއްބާ ކޯސްޓްގާޑު ޑައިވަރުންގެ ޓީމުގެ އެހީތެރިކަމާއެކު މިހާރު ވަނީ ކޯސްޓްގާޑުގެ ލޯންޗަކަށް ސަލާމަތްތެރިކަމާއެކު އަރުވާފައި. އެހެން ނަމަވެސް އެތަނުގެ މޫސުން ހުރިގޮތުން ބޯޓު ސަލާމަތްކުރުމަށް އަޅުގަނޑުމެންނަށް މިވަގުތު އިތުރު މަސައްކަތެއް ކުރެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ވީނަސް ބޯޓު ފަރަށް އެރި އިރު އެ ބޯޓުގައި 24 މީހުން ތިއްބެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝް މީހުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މޭޖަރ ހުސައިން އަލީ ވިދާޅުވީ، ކޯސްޓްގާޑާއި ވީނަސް ބޯޓުގެ ވެރިފަރާތާ ވާހަކަދައްކައިގެން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނޭ ކަމަށާއި އެހެން ނަމަވެސް "އެ މަސައްކަތް ފެށޭނޭ އިރެއް އަދި ދަންނަވަން ދަތި" ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯސްޓްގާޑުގެ ޓީމަކާއި ބޯޓުގެ ފަޅުވެރީން ކޯސްޓް ގާޑު ލޯންޗެއްގައި އެ ސަރަހައްދުގައި މިރޭ ތިބޭނެ. ދެން މޫސުން ރަނގަޅުވެލީމަ ބޯޓު ފުންކުރުމުގެ މަސައްކަތް ފަށާނެ،" ހުސައިން ވިދާޅުވި އެވެ.