25 Jan 2015, 23:01
އިންޑިއާގެ އިތުރު ގިނަ އިންވެސްޓްމެންޓްމެންޓްތައް ރާއްޖެ އަށް ގެނައުމަށް އެދިވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި މިރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި، އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ، އަލަށް ތައާރަފްކުރާ ގާނޫނުތަކާ އެކު ރާއްޖޭގައި ވިޔަފާރިއަށް ފަހި މާހައުލެއް އުފެދިގެން ދާއިރު އިންޑިއާގެ އިތުރު އިންވެސްޓްމެންޓްތައް ރާއްޖޭން ފެންނަން އެދިވަޑައިގަންނަވާ ކަމަށެވެ.
"... ތައާރަފްކުރަމުންދާ އާ ގާނޫނުތަކާ އެކު ވިޔަފާރިއަށް ފަހި މާހައުލެއް އުފެދޭ އިރު އިންޑިއާގެ އިތުރު އާ އިންވެސްޓްމެންޓްތައް ރާއްޖޭން ދުށުމަށް އަޅުގަނޑުމެން އެދެން،" ދުންޔާ ވިދާޅުވި އެވެ.
ރާއްޖެއަށް އިންޑިއާ އިން ވެދެމުން އަންނަ އެހީތެރިކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެގައުމުން ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ އެހީތެރިކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ސްކޮލަޝިޕް ފުރުސަތުތައް ރާއްޖެ އަށް ދޭކަން ފާހަގަކުރެއްވި އެވެ.
ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމުގެ ކުރިން އިންޑިއާގެ ޑިމޮކްރަސީއަށް ދުންޔާ ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. ދުންޔާ ވިދާޅުވީ ތަފާތު ސަގާފަތްތަކުގެ އަހުލުވެރިންނަށް ވެސް ސުލްހަވެރިކަމާ އެކު ދިރިއުޅެ، ކުރިއަރައި ދެވިދާނެކަން އިންޑިއާ އިން ސާބިތުކޮށްދީފައިވާ ކަމަށެވެ.
މިރޭގެ ހަފުލާގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާއި ހައިކޮމިޝަންގެ އެހެން އިސްވެރިންނާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބުރާހީމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ހަފުލާގައި އިންޑިއާގެ ބައެއް ސަގާފީ ހަރަކާތްތަކާއި ދެގައުމުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތްތަކެއް ވެސް އޮތެވެ.