ޏ. ފުވައްމުލަކުން ފުރައިގެން މާލެ އައުމަށް ދަތުރުކުރަމުން ގެންދިޔަ ބޯޓެއް މާލެ އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ މަނިޔަފުށި ފަރަށް އަރައި އަޑިއަށްދާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ހުސައިން އަލީ 'ސަން' އަށް ވިދާޅުވީ، އެ ބޯޓު އަޑިއަށްދާ ކަމުގެ މައުލޫމާތު މިރޭ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުމާ އެކު އެ ބޯޑު ކައިރިއަށް މިހާރު ކޯސްޓްގާޑުން ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ވީނަސް" ނަމަކަށް ކިޔާ އެބޯޓަކީ މުދާ އުފުލާ ބޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބޯޓުގައި ތިބީ ކިތައް މީހުން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ފުވައްމުލަކުގައި ހުރި ވީނަސް ބޯޓުގެ އިސްފަރާތެއް ކަމުގައި އަހުމަދު ހިޝާމް މިރޭ 'ސަން' އަށް ބުނީ، ބޯޓުގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޯޓު ހުއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ ގާތްގަނޑަކަށް 10:00 އެހާކަންހާއިރު ކަމަށެވެ. އަދި ބޯޓު ފަރަށް އެރުމާ އެކު ބޯޓުގެ ބައެއް މީހުން ލައިފް ޖެކެޓް އަޅައިގެން މޫދަށް ފޭބި ކަމަށް ވެސް އޭނާ ބުންޏެވެ.

"އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޯޓު ހުއްޓުނީ، ބޯޓު ހުއްޓިފައި ވަނިކޮށް މަނިޔަފުށީ ފަރަށް ބޯޓު ވަނީ އަރައިފައި، އަދި އަޑިއަށް ނުދޭ، ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބޭ،" ހިޝާމް ބުންޏެވެ.