09 Feb 2011, 12:42
ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވިލިމާފަންނުގެ ގޮނޑި ކާމިޔާބު ކުރި ޑީއާރްޕީގެ ކެންޑިޑޭޓް އަހުމަދު ހަމީދު (ފްލައި) ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފި އެވެ.
މި މައްސަލައިގައި ފްލައިއަށް ޗިޓު ރައްދު ކުރެވިފައިވާތީ އޭނާ ވަނީ މިއަދު ކްރިމިނަލް ކޯޓަށް ވެސް ހާޒިރުވެފަ އެވެ. ނަމަވެސް އޭނާގެ މައްސަލަ ބޭއްވުމަށް ތާވަލްކޮށްފައެއް ނުވެ އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ފްލައިގެ މައްޗަށް ދައުވާ ކުރަނީ މިދިޔަ މެއި މަހުގެ ތެރޭގައި ޑރ. ޒާކިރު ނައިކު ތަގުރީރު ކުރި ތަނުގައި ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރާ ކަމަށް ބުނުމުން ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ ފުލުހުންގެ ދައުރު އަދާ ކުރަން ހުރި މީހަކަށް ހަމަލާދިން ކަމުގެ ކުށުގެ ދައުވާ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކަށް ލޯކަލް ކައުންސިލްގެ އިންތިހާބަށް ކުރިމަތިނުލެވޭނެ ކަމަށެވެ.