25 Jan 2015, 22:45
ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ އެގްޒެކްޓިވް ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަންކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ ޑަބްލިޔުއެޗްއޯގެ ބޯޑުގެ މެމްބަރުން ކަނޑައެޅުމަށް މިއަދު ޖެނީވާގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. މިއީ އެ ބޯޑުގެ ޗެއާ ރާއްޖެއަށް ލިބުނު ދެވަނަ ފަހަރެވެ. ކުރިން އެ މަގާމު ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވެސް ފުރުއްވި އެވެ.
މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެ ބޯޑަށް ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ސިއްހީ ދާއިރާގެ ތަޒުރިބާކާރު 34 މެމްބަރަކު ވަނީ އައްޔަންކޮށްފައެވެ. އެ މެމްބަރުންގެ ދައުރު ހަމަވާނީ ތިން އަހަރު ދުވަހަށް ފަހުގައެވެ. އެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވެ، ބޯޑު ބައްދަލުވުންތަކުގައި އިށީންނަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ.
މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑަބްލިއުއެޗްއޯގެ 136 ވަނަ ބައްދަލުވުމުގައި މިއަހަރު މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ހެލްތް އެސެންބްލީގައި އެޖެންޑާކުރާނެ ކަންތައްތައް ކަނޑައެޅުމާއި ގަވާއިދުތައް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން ގައިންގަޔަށް އަރާ ބައްޔާއި ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ.
ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑުގެ ޒިންމާއަކީ ވޯލްޑް ހެލްތު އެސެންބުލީން ނިންމާނެ ކަންތައްތައް ހުށަހަޅައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތައް ކަނޑައެޅުމުވެ. އަދި ވޯލްޑް ހެލްތު އެސެންބުލީން ނިންމާ ކަންތައްތައް ތަންފީޒު ކުރުމެވެ.
ޖެނީވާގައި މިއަދު ބޭއްވި ހާއްސަ ބައްދަލުވުމުގައި ސައުތު އެފްރިކާގައި ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ބައްޔާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.