ހައްޖުގެ އަޅުކަން އަދާކޮށް ނިމިގެން އެނބުރި ރާއްޖެ އަންނަތާ 30 ދުވަހުގެ ތެރޭގައި ހައްޖަށް މީހުން ގެންދިޔަ ކޮންމެ ކުންފުންޏަކުން ވެސް އިސްލާމިކް މިނިސްޓްރީ އަށް ހައްޖު ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް "ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު" މިއަދު ގެޒެޓުކޮށްފި އެވެ.

މި އުސޫލުގެ 19ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ހައްޖު ރިޕޯޓުގައި، ހައްޖަށް މީހުން ގެންދިޔަ ގޮތުގެ ތަފްސީލާއި މީހުން ގެންދެވުނު އަދަދާއި ދެވުނު ހިދުމަތްތަކުގެ އިތުރުން، މައްސަލައެއް ދިމާވިނަމަ އެކަން އެނގެން އޮންނަންވާނެ ކަމަށެވެ. އަދި ދެވޭ ހިދުމަތްތަކާއި އެހެނިހެން ކަންކަން ރަނގަޅު ކުރުމުގެ ގޮތުން ހުށަހަޅާ ކަންތައްތައްވެސް އެނގެން އޮންނަން ވާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ. އަދި އެކަން ނުކުރާ ކުންފުނިތަކަށް ވިދިގެން އަންނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ކުރިމަތި ނުލެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.

އުސޫލުގައި ބުނެފައި ވަނީ ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަދެވޭ ކޮންމެ ކުންފުންޏަކަށްވެސް ހުއްދަދެވޭނީ އެއް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އެކުންފުނިތަކަކީ 100 ޕަސެންޓު ދިވެހި ކުންފުނިތަކަށް ވުމުގެ އިތުރުން އެކުންފުނީގެ މަގްސަދުގެ ތެރޭގައި މީހުން ހައްޖަށް ގެންދިއުމުގެ ހިދުމަތް ދިނުން ހިމެނިފައި އޮންނަންވާނެ ކަމަށް ބުނެފައިވެ އެވެ.

"އަދި ހައްޖަށް މީހުންން ގެންދިއުމަށް ހުށަހަޅަން ބޭނުންވާ ކޮންމެ ކުންފުންޏަކުންވެސް އެކަމުގެ ހުއްދައަށް އެދޭ ޕްރޮޕޯސަލް ހުށަހަޅާއިރު ހައްޖަށް ގެންދާ ކޮންމެ މީހަކަށް ބޮލަކަށް 25 ޕަސެންޓުގެ ގެރެންޓީއެއް، އެއް އަހަރުގެ މުއްދަތަށް ނަގައި އެ ގެރެންޓީއާ އެކަމާ ބެހޭ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ އެވެ." ހައްޖަށް މީހުން ގެންދާ އުސޫލުގެ 4 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވެ އެވެ.

މި އުސޫލުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ވަކި ހާއްސަ އިމްތިޔާޒުތަކެއް ވަނީ ލިބިފައި އެވެ. އެގޮތުން އެ ކޯޕަރޭޝަންގެ ފަރާތުން މީހުން ހައްޖަށް ގެންދިއުމަށް ފައިސާއާ ހިދުމަތްތައް ތަފާތުވާ ގޮތުގެ މަތީން އެކި ފެންވަރުގެ އަދި އެކި އަގުތަކުގެ ޕެކޭޖު ހަދައި އެކަން އާންމުންނަށް އިއުލާން ކުރަންވާނެ ކަމަށް ހައްޖަށް ދިއުމުގެ އުސޫލުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް މި އުސޫލުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ އިތުރުން 25 ވަނަ މާއްދާއިން އެ ކޯޕަރޭޝަން އިސްތިސްނާވެ އެވެ.

ހައްޖު ކޯޕަރޭޝަނަކީ ހައްޖަށް މީހުން ގެންދިއުމުގެ ލުއިފަސޭހަ ގޮތްތައް ތަނަވަސްކޮށްދިނުމަށް ދައުލަތުން އުފައްދާފައިވާ ގާނޫނީ ވަކި ޝަހުސެއްކަމުގައި ވާތީ ރާއްޖެއަށް ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ މަދުވެގެން 50 ޕަސެންޓު ކޮންމެ އަހަރަކުވެސް އެ ކޯޕަރޭޝަނަށް އިސްލާމިކް މިނިސްޓްރީން ދޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އަދި ހަމައެއާއެކު މި އުސޫލުގެ ދަށުން ރާއްޖެއިން ހައްޖަށްދާ މީހުންނާ އެ މީހުން ހައްޖަށް ގެންދާ ކުންފުނިތައް ސައުދީ އަރަބިއްޔާގައި އުޅޭ ދުވަސްވަރު މައްކާ އަދި މަދީނާގައި އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ކުރުމަށް "މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީސް" އިސްލާމިކް މިނިސްޓްރީން ގާއިމްކުރަންޖެހެ އެވެ. އަދި މި އޮފީހުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ނިސްބަތްވާ ހަތަރު މުވައްޒަފުން ތިބެންޖެހެ އެވެ.

މިއަދުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާފައިވާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުން ފެށިގެން ގެޒެޓުގައި ޝާއިއުކޮށްފައިވާ " ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލު" ބާތިލްވާނެ އެވެ.