ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލު ކުރެއްވުމުގައި، ސައޫދީ އަރަބިއްޔާގެ އަބްދުﷲ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާއާއި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށާއި، އެގައުމުގެ ރައްޔިތުންނަށް ނައިބު ރައީސް ތައުޒިޔާ ވިދާޅުވި އެވެ. އަދި، ސައޫދީ އަރަބިއްޔާގެ ރަސްކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ސަލްމާން ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތުން މަރުހަބާ ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ޒިޔާރަތްޕުޅުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ ހެޔޮ އެދުން ފޮނުއްވި އެވެ.

ނައިބު ރައީސްގެ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ދިވެހި ދައުލަތުގެ ސަފީރު އަބްދުﷲ ހަމީދު ބައިވެރިވެވަޑައިގަންނަވައެވެ.