25 Jan 2015, 21:44
މަންދު ކޮލެޖުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ކޮލެޖުން މިއަދު ދީފި އެވެ.
މަންދު ކޮލެޖުގެ އެއްބަސްވުން ބާތިކޮށް 15 ދުވަހުގެ ތެރޭގައި އެތަން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް ނޯޓިސް ދީފައިވާތީ އެ ކޮލެޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ މީޑިއާއަށް ދީފައިވާ މައުލޫމާތުތަކާއި ގުޅިގެން އެ ކޮލެޖުގެ ކިޔެވުން ހުއްޓިދާނެކަމަށް އެ ކޮލެޖުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ހީވެ، ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
"މީޑިއާގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ހަވާލާދީ ހާމަކޮށްފައިވާ މައުލޫމާތަކީ އެންމެ ސައްހަ މައުލޫމާތެއް ނޫން. މިކަމަށްޓަކައި މި ކޮލެޖުން މައާފަށް އެދެން. މި ކޮލެޖުގެ އެންމެހާ ދަރިވަރުން ހިމޭންކަމާއެކު ކިޔެވުމުގެ ކަންކަމުގައި ކުރިއަށް ދިއުމަށް އިލްތިމާސްކުރަން. އަދި ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއްނާރާ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ކޮލެޖުން ދެން،" އެ ކޮލެޖުން ނެރުނު ބަޔާނުގައި ވަނީ ބުނެފައި އެވެ.
އަދި މިދަނޑިވަޅުގައި ކޮލެޖުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން ކެތްތެރިކަން އިސްކޮށް ކޮލެޖުގެ މެނޭޖުމަންޓަށް އެއްބާރުލުން ދިނުމަށް "ނުހަނު ބޮޑަށް އެދޭ ކަމަށް ވެސް" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އެއްބަސްވުން ބާތިލުކުރުމަށް ނޯޓިސް ފޮނުވާފައި ވަނީ މިއަދު އެވެ.
"ސަން"އާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ އެމްއީއެސް ހިންގަމުން އައީ އެތަނުގެ ވެރިންނާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެތަނުގެ އެއްބަސްވުން ހަމަވުމުން އަލުން އެ އިމާރާތުގައި މަތީ ސާނަވީ ސްކޫލެއް ހިންގުމަށް އެމްއީއެސްގެ ވެރިންނާ ހަވާލުކުރެވުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، އެއްބަސްވުން ބާތިލް ކުރި ކަމަށް ބުނެފައިވާ ނޯޓިސްގެ އިތުރުން އެތަނުގައި ކިޔަވާ ކުދިންގެ ހިމާޔަތުގައި ސަރުކާރުން ތެދުވަން ތައްޔާރަށް ތިބި ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާނެ ކަަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަންދު ކޮލެޖުގެ ބޭފުޅުންނާއެކު މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަދި މަންދު ކޮލެޖުގެ ފަރާތުން އެކަމަކަށް އެއްވެސް އިޖާބައެއް ލިބިފައި ނުވާކަމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ދިހަ އަހަރު ދުވަހުގެ މުއްދަތަށް މަންދު ކޮލެޖަށް ދީފައިވާ އެމްއީއެސް އިމާރާތަކީ ކުރިން ރާއްޖޭގައި ގިނަ އަދަދެއްގެ ކުދިންތަކެއް ކިޔަވަމުން ދިޔަ މަޝްހޫރު ސުކޫލެކެވެ. އެތަން ކޮލެޖަކަށް ބަދަލުކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައި އެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކޮށް 2012 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ މަންދު ކޮލެޖް ހިންގަން އެމްއީއެސް އިމާރާތް ހަވާލުކުރުމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގައި، ކޮލެޖް ހިންގާ ނަމަ އެތަން ބީލަމަކަށް ލައިގެން ބަޔަކާ ހަވާލުކުރުމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައި އެވެ.