ޕީޕަލްސް ކަޕްގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުގެ ފައިނަލުން ނިއުރޭޑިއެންޓަށް ޖާގަ ގެއްލިފައި ވާއިރު، ކުރިއަށް ދެން އޮތް މެޗުގައި ނަތީޖާ ނެރެން އޭނާގެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ނިއުގެ ކޯޗް މިކާ ލޮންސްޓްރޮމް ބުނެފި އެވެ.

މިކާ ބުނީ ކޯޗެއްގެ ހައިސިއްޔަތުން އޭނާ އެންމެ އިސްކަމެއް ދޭ ކަމަކީ މޮޅުވުން ކަމަށެވެ. އަދި ޕީޕަލްސް ކަޕްގެ މެޗުތަކަކީ މިއަހަރުގެ ސީޒަން ފެށުމަށްޓަކައި ވާދަވެރި މެޗުތަކެއް ކުޅެން ލިބިގެންދާ އެންމެ ރަނގަޅު ފުރުސަތު ކަމަށާއި، މާދަމާގެ މެޗު ނަގާނީ ވަރަށް ސީރިއަސްކޮށް ކަމަށް ކޯޗް މިކާ ބުންޏެވެ.

"އަހަރުމެން މެޗުތަކެއް ކާމިޔާބު ކުރަން އެބަ ޖެހޭ. އެކަމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް. ކޯޗެއްގެ ގޮތުގައި ހުރެ އަހަރެން އެންމެ އިސްކަން ދޭ ކަމަކީވެސް އެއީ. މި މުބާރާތުގައި ކުޅޭ މެޗުތަކަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމަށް އަހަރުމެނަށް ލިބިގެންދާ އެންމެ ރަނގަޅު ފުރުސަތު. އެހެން ކަމުން މާދަމާގެ މެޗު ނަގާނީ ވަރަށް ސީރިއަސްކޮށް. ބައެއް ފަރާތްތަކުން އެކަން ނުވާނެ ކަމަށްވެސް ބުނޭ. ނަމަވެސް އެކަން ވާނެކަން ދައްކުވައިދޭން އަހަރެން މަސައްކަތް ކުރާނަން،" މިކާ ބުންޏެވެ.

މިކާ ބުނީ މިހާތަނަށް މުބާރާތުުގައި ނިއު ކުޅުނު މެޗުތަކުން ރަނގަޅު ފިލާވަޅުތަކެއް ދަސްވެފައި ވާކަމަށާއި، މާދަމާގެ މެޗަށް ވާންވީ ތައްޔާރީތައް ވަރަށް ރަނގަޅަށް އިނގިގެން ގޮސްފި ކަމަށެވެ. އަަދި މާދަމާގެ މެޗުގައި ބޭނުންކުރާނީ ތަފާތު ފޯމޭޝަން ތަކަކާއި އުކުޅު ތަކެއް ކަމަށާއި، މާދަމާގެ މެޗަށް ތައްޔާރު ވުމުގެ ގޮތުން ކޮންމެ ކުޅުންތެރިއަކާވެސް ވަކިވަކިން މަޝްވަރާ ކުރަން ގަސްދު ކުރާ ކަމަށް މިކާ ބުންޏެވެ.

"މި މުބާރާތުގައި ކުޅޭ އެހެން ޓީމްތަކަށް އަހަރުމެން ޝުކުރު އަދާކުރަން ޖެހޭ. އެއީ ކުޅުނު ފުރަތަމަ ދެ މެޗުން އަހަރުމެން ރަނގަޅުކުރަން ޖެހޭ ކަންކަން އެ ޓީމްތައް ވަރަށް ރަނގަޅަށް ދައްކުވައިދީފި. މާދަމާގެ މެޗަށް ވާން ޖެހޭ ތައްޔާރީތައް މިހާރު އިނގިއްޖެ. ދެވަނަ މެޗުން ބަލިވުމުން މާދަމާގެ މެޗުގައިވެސް ގަސްދުކުރަނީ ތަފާތު ފޯމޭޝަން ތަކަކާއި އުކުޅުތަކެއް ޓެސްޓު ކުރަން. މިއަދުގެ ތަމްރީނުތަކުގައި ރަނގަޅު ކުރަން ޖެހޭ ކަންކަމާމެދު ކުޅުންތެރިންނާ ވަކިވަކިން މަޝްވަރާ ކުރާނަން،" މިކާ ބުންޏެވެ.

އޭގެ އިތުރުން މިކާ ވަނީ މާދަމާގެ ފުރަތަމަ 11 އިން ބަދަލުތަކެއް ފެނިގެން ދާނެކަން ހާމަކޮށްފައެވެ. އަދި ހަމައެކަނި ކުޅުމުގެ ނަމުގައި މެޗަށް ކުޅެން ނިކުންނަ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ނުދޭނެ ކަމަށާއި، ކުޅުންތެރިން ބަދަލު ނުކޮށް އިދިކޮޅު ޓީމު މެޗުގައި ކުޅޭތަން ބަލަން ނުހުންނާނެ ކަމަށްވެސް މިކާ ބުންޏެވެ.

"އަހަރުމެން މައިގަނޑު ތިން ކަމަކަށް އިސްކަން ދޭން ޖެހޭ. އޭގެން އެއް ކަމަކީ ޓީމު އުފައްދާ ހަމަލާތަކުގައި ފަސް ހަ ކުޅުންތެރިން އެއްކޮށް ބައިވެރިވުން. އަދި ޑިފެންސުގައިވެސް މުޅި ޓީމް އެއްކޮށް މަސައްކަތް ކުރުން. ހަމައެކަނި ކުޅުމުގެ ނަމުގައި ދަނޑުމަތީ ކުޅެން އަރާ ހުންނަ ކުޅުންތެރިއަކަށް ސްކޮޑުން ޖާގަ ދޭކަށް އަހަރެން ބޭނުމެއް ނޫން. އަދި މެޗުގައި އަނެއް ޓީމު ކުޅޭތަން ބަލަން ހުންނާކަށްވެސް އަހަރެން ބޭނުމެއް ނޫން. ކުޅުންތެރިންގެ ހިތްވަރު އިތުރަށް ވަރުގަދަ ކުރަން ޖެހޭ،" މިކާ ބުންޏެވެ.

ނިއުއަށް މިހާރު މުބާރާތުގެ ފައިނަލުން ޖާގަ ގެއްލިފައި ވާއިރު، ޕީޕަލްސް ކަޕްގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ޕީޑީއާރްއެމް އެ ޓީމްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ މެޗުގައި ލަޔަންސް އަތުން ނިއު ބަލިވެފައި ވަނީ އެއަށްވުރެ ތަފާތު ބޮޑު 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލަޔަންސްގެ ފުރަތަމަ ދެ ލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފާއި ދެވަނަ ހާފް ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.