މާފަންނު މިރިޔާސް މަގުގައި ހުންނަ "އިހްސާން ފިހާރަ"އިން ޖޯން ޕްލޭއަރ ސްޕެޝަލް (ޖޭއެސްޕީ) ބްރޭންޑުގެ ލޯޝަން ފުޅިއެއް ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކު، ފިހާރައިގެ މުވައްޒަފުންނާއި އެ ސަރަހައްދުގައި ތިބި އާންމުންގެ އެހީތެރިކަމާ އެކު ހައްޔަރުކޮށްފި އެވެ.

އިހްސާން ފިހާރައިގައި މަސައްކަތްކުރާ މީހަކު ބުނީ، މިއަދު ހަވީރު 5:00 އެހާކަންހާއިރު، އެ ފިހާރައަށް އައި މީހަކު، ލޯޝަން ފުޅިއެއް ނެގުމަށްފަހު އެއަށް ލާރިނުދީ، ފިލަން އުޅެނިކޮށް ފިހާރައިގެ މުވައްޒަފުން ގޮސް އެމީހާ ހިފެހެއްޓި ކަމަށެވެ. އަދި ފުލުހުންނަށް ގުޅައިގެން ގެނެސް އެމީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައި ވާ ކަމަށެވެ.

"އެ މީހާ މި ފިހާރަ [އިހްސާން ފިހާރަ] ތެރެއަށް ވަދެ، ޖޭއެސްޕީ 500އެމްއެލްގެ ލޯޝަން ފުޅިއެއް ނެގުމަށްފަހު ޖިންސާ ބަނޑާ ދޭތެރޭގައި އޭތީ ފޮރުވީ. ދެން އޭނާ އުޅުނީ، ލޯޝަން ފުޅި ހިފައިގެން ފިލަން،" އޭނާ ކިޔައިދިނެވެ.

އިހްސާން ފިހާރައިން ވައްކަން ކުރި މީހާ ގެންދިޔައީ 135ރ އަށް ވިއްކާ ޖޭއެސްޕީ ބްރޭންޑްގެ ލޯޝަން ފުޅިއެއް -- ސަން ފޮޓޯ: ކިޔުންތެރިއެއް

އިހްސާން ފިހާރައިން ލޯޝަން ފުޅިއެއް ވަގަށް ނަގައިގެން ފިލަން އުޅުނު މީހަކު މިއަދު ހަވީރު 5:25 އެހައިކަންހާއިރު، އާންމުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފައި ވާކަން ފުލުހުން ވެސް ވަނީ 'ސަން'އަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އިހްސާން ފިހާރައިން ވައްކަންކުރި ކަމުގެ ތުހުމަތުގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި، އެމީހާގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.