25 Jan 2015, 19:07
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފޮށި ގަނޑަކާއެކު ފުވައްމުލަކުން ދެ ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް މިއަދު ވިދާޅުވީ، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ރޭ ހިންގި އޮޕަރޭޝަނެއްގައި އެރަށުން ހައްޔަރުކޮށްފައިވާ ދެ ފުލުހުންނާއި އާންމުންގެ މީހާއަކީ، އެރަށަށް ރޭ މާލެއިން ދިޔަ މަތިންދާބޯޓަކުން ބޭލި ފޮށިގަނޑަކާ ހަވާލުވާން ގޮސް ތިބި ބަޔަކު ކަމަށެވެ.
"އެއީ ރޭ ފުވައްމުލަކަށް ދިޔަ ފްލައިޓަކުން ގެންދިޔަ ފޮށިގަނޑަކާ ހަވާލުވާން ގޮސްތިބި ތިން މީހުން. އެ ފޮށިގަނޑުގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ފޮށިގަނޑާއެކު ތިން މީހުން ހައްޔަރުކުރީ،. ފޮށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް ހުރި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ވެސް ފިރިހެނުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، އުމުރުން 29 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެ ތިންމީހުންގެ ތެރެއިން ކޮންމެ މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހާދީފައިވާ ކަމަަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.