މިހާރު ކުރިއަށްދާ ޕީޕަލްސް ކަޕްގެ ފުރަތަމަ މެޗުން ބަލިވެފައި ވީނަމަވެސް، އަދިވެސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދިދާނެ ކަމަށް ސިންގަޕޯރ ލަޔަންސްގެ ކޯޗް ފާންދީ އަހުމަދު ބުނެފި އެވެ.

މިއަދު ބޭއްވި ޕްރީ މެޗް ޕްރެސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ފާންދީ ބުނީ، މާދަމާގެ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، ނަމަވެސް މާދަމާގެ މެޗު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މާދަމާގެ މެޗަކީ ހުރިހާ ގޮތަކުން ބެލިޔަސް މޮޅުވުން މުހިންމު މެޗެއް ކަމަށާއި، އެމްއެސްއެލްގައިވެސް އެ ޓީމް ފުރަތަމަ ބައްދަލު ކުރާނީ ޕީޑީއާރްއެމްއާ ކަމަށް ފާންދީ ބުންޏެވެ.

"މާދަމާގެ މެޗަކީ މޮޅުވުން ވަރަށް މުހިންމު މެޗެއް. އެ މެޗު ފަސޭހައެއް ނުވާނެ. ޕީޑީއާރްއެމްއަކީ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް. ނަމަވެސް ލަޔަންސްގެ ކުޅުންތެރިން އެ ޓީމާ ދެކޮޅަށް ކުޅެން އިންތިޒާރު ކުރި. އެމްއެސްއެލްގައިވެސް ލަޔަންސް ކުރިމަތިލާން ޖެހޭ އެންމެ ފުރަތަމަ ޓީމަކީ ޕީޑީއާރްއެމް. މާދަމާގެ މެޗު އުނދަގޫ ވިޔަސް، އެ މެޗު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ،" ފާންދީ ބުންޏެވެ.

ފާންދީ ބުނީ އެންމެ ފަހުން އެ ޓީމް ކުޅުނު މެޗުން ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކެއް ދިމާވެފައި ވާކަމަށެވެ. އަދި މާދަމާގެ މެޗުގައި އަނިޔާގެ މައްސަލަތަކެއް ދިމާ ނުވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ޓީމްގެ ސްކޮޑު މިވަގުތު އެހާ ރަނގަޅު ނޫން ކަމަށްވެސް ފާންދީ ބުންޏެވެ.

"ކުޅުންތެރިން މިހާރު ތިބީ ވަރަށް ވަރުބަލި ވެފައި. އަދި އިއްޔެގެ މެޗުން އަހަރުމެންގެ ތިން ކުޅުންތެރިންނަށް ވަނީ އަނިޔާގެ މައްސަލަތަކެއް ދިމާވެފަ. މި މުބާރާތަށް އަހަރުމެން އައީ ފުލް ސްކޮޑާއެކީއެއް ނޫން. އަދި ކުޅުންތެރިން އަނިޔާ ވުމުގެ އިތުރުން ބައެއް ކުޅުންތެރިން ދުވަސްކޮޅަކަށް ޓީމާ ދުރަށް ދާންވެސް އެބަ ޖެހޭ. އެހެން ކަމުން އެމްއެސްއެލްގައި ކުޅުމުގެ ކުރިން އަނިޔާގައި ތިބި ކުޅުންތެރިން ރިކަވާ ވާނެ ކަމަށް އުންމީދު ކުރަން. އަދި މާދަމާގެ މެޗުގައި އަނިޔާގެ އިތުރު މައްސަލަތަކެއް ދިމާ ނުވާނެ ކަމަށްވެސް އުންމީދު ކުރަން،" ފާންދީ ބުންޏެވެ.

އޭގެ އިތުރުން ފާންދީ ވަނީ ޕީޑީއާރްއެމްގެ އަޝްފާގާއި 10 ނަންބަރު އަދި 26 ނަންބަރަކީ އިންޑިވިޖުއަލް ގޮތުން ބަލާއިރު ވަރަށް ނުރައްކާތެރި ކުޅުންތެރިންކަން ފާހަގަކޮށް، އެ ކުޅުންތެރިން ހިފައްޓާލަން އިސްކަން ދޭނެ ކަމަށް ބުނެފައެވެ. އަދި މެޗުގައި ބޮޑަށް އިސްކަން ދޭނީ ޑިފެންސަށާއި ކައުންޓާ އެޓޭކަށް ކަމަށްވެސް ފާންދީ ބުންޏެވެ.