މޯލްޑިވްސް ސްޓްރަކްޗްރަލް ޕްރޮޑަކްޓްސް (އެމްއެސްޕީ) އިން ޑިސްޓްރިބިއުޓް ކުރަމުން އަންނަ "އެމްއެސްޕީ ޓިނަށް" ހިންގި ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރި 12 ފަރާތް ހޮވައިފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އައުޓްލެޓުގައި މިއަދު ހަވީރު ބޭއްވި ހަފްލާއެއްގައި ނަސީބުވެރި ފަރާތްތައް އިއުލާން ކުރެއްވީ އެމްއެސްޕީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަފީގު އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އެއް ވަނަ ދިޔަ ނަސީބުވެރިޔާއަށް ވަނީ ފަތި ޓީވީ އެއް ވަނީ ލިބިފަ އެވެ. ދެވަނަ ދިޔަ ފަރާތަށް ސޯފާ ސެޓެއް ލިބުނު އިރު ތިން ވަނަ އަށް ދިޔަ ފަރާތަށް ހިޓާޗީ ފުލް އޮޓޯ މެޝިނެއް ވަނީ ލިބިފައި އެވެ. މީގެ އިތުރުން ވެސް އަގުހުރި އެތައް އިނާމެއް އެ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ވަނީ ލިބިފައި އެވެ.

ނަސީބުވެރި ފަރާތްތައް އިއުލާން ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރަފީގު ވިދާޅުވީ އެމްއެސްޕީ އިން ހިންގި ޕްރޮމޯޝަނަކީ އެ ކުންފުނިން ވިއްކަމުންދާ "އެމްއެސްޕީ ޓިނާ" ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުމަށް ހިންގި ޕްރޮމޯޝަނެއް ކަމަށެވެ.

"އަޅުގަނޑުމެން މިތައްޔާރު ކުރި ބްރޯޝާގެ ސަބަބުން ޕްރޮޑަކްޓާ ބެހޭ މައުލޫމާތު ލިބި، ގެތައް ހިޔާ ކުރުމުގައި ގެންގުޅުއްވާނެ ޓެކްނިކްސްތައް ވެސް ކިޔާދެވިފައި ހުންނާނީ. އެކަމުގެ ބޭނުމުގައި އަޅުގަނޑުމެން މި ބްރޯޝާ ތައްޔާރުކުރީ. އަޅުގަނޑުމެން 20،000 ކޮޕީ ބަހާލެވުނު. ދެން އޭގެތެރެއިން 12،000 މީހުން މިކަމަށް ރެސްޕޮންޑު ކުރި،" ރަފީގު ވިދާޅުވި އެވެ.

ރަފީގު ވިދާޅުވީ ޕްރޮމޯޝަނެއް ގޮތަށް އެކަން ކުރަންޖެހުނީ ބައެއް ފަރާތްތަކުން ޗައިނާ ފަދަ ތަންތަނުން ޓިނު ގެނެސްގެން ވިއްކަމުންދާ ކަމަށެވެ.

"ދެން އާންމުން މި ހީފުޅުކުރައްވަނީ ހަމަ ކުލަ ޓިނަކީ މޮޅު ޓިނު ކަމަށް. އެހެންވީމަ އަޅުގަނޑުމެން ޕްރޮމޯޝަންގައި ސްލޯގަންގެ ގޮތުން މިގެންދިޔައީ ވެސް ކޮންމެ ކުލަ ޓިނަކީ މޮޅު ޓިނެއް ނޫނެ. އެއީ ހަމަ ހާއްސަކޮށް އެ ތަފާތު ރައްޔިތުންނަށް އަންގައިދިނުމުގެ ބޭނުމުގައި،" ރަފީގު ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ކަލާބޯންޑް ޝީޓް ބޭނުންކޮށްގެން އުފައްދާ އެމްއެސްޕީ ޓިނު ރާއްޖޭގައި މާކެޓް ކުރާ ހަމައެކަނި ދެ ކުންފުންޏަކީ އެމްއެސްޕީގެ ދެ ޕާޓްނަރުން ކަމަށްވާ އެސްޓީއޯ އާއި ރެއިންބޯ އެންޓަޕްރައިސަސް އެވެ. އެގޮތުން އެ ދެކުންފުނީގެ ފިހާރަތަކުން ވެސް ލިބެން ހުންނާނީ އެމްއެސްޕީގެ އޮރިޖިނަލް ޓިނެވެ.