25 Jan 2015, 17:24
ވިލިމާލޭގައި ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ދެ ފުލުހަކު މިއަދު ހެކިބަސްދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ދެ ފުލުހުން ވެސް ބުނީ މި މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރުފަހު 3:45 އެހައިކަންހާއިރު ވިލިމާލެ މިނިވަންހިޔާ ގޭގެ ތެރެއަށް ފުލުހުން ވަންނަން އުޅުމުން މ. ވޭރާ މުހައްމަދު ނަސްރު އެކަމަށް ހުރަސް އުޅުމުގެ ގޮތުން ދޮރުލައްޕަން އުޅުނު ކަމަށެވެ.
ހެކިބަސް ދެމުން ދެ ފުލުހުން ވެސް ބުނީ އެ ގެއަށް ވަދެވުނީ ތިން ފަހަރު މަސައްކަތްކޮށްގެން ކަމަށާއި ތިން ވަނަ ފަހަރު ދޮރުހުޅުވަން ފުލުހުން އުޅުމުން ނަސްރު ފުލުހަކާ ދިމާލަށް ވަޅި މަޅައިލުމުން ފުލުހެއްގެ ކޮނޑަށް ވަޅިހެރުނު ކަމަށެވެ. އަދި އޭގެ ފަހުން ތިން ފުލުހުން ވެސް ބޭރަށް ނުކުމެ އަނިޔާ ލިބުނު ފުލުސް މީހާ ގޮވައިގެން ވިލިމާލެ ސިއްހީ މަރުކަޒަށް ދިޔަ ކަމަށާއި ނަސްރު ހައްޔަރުކޮށްގެން ގެންދިޔައީ އިތުރު ދެ ފުލުހަކު އެތަނަށް ގޮސް ކަމަށް ވެސް ހެކިބަސް ދިން ދެ ފުލުހުން ބުންޏެވެ.
ހާދިސާ ހިނގި ފަހުން އެތަނަށް ދިޔަ ދެ ފުލުހުން ވެސް ހެކީންގެ ގޮތުގައި މިއަދު ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ދެ ފުލުހުންގެ ހެކިބަސް ނުނަގަން ގާޒީ ވަނީ ނިންމާފައެވެ.
ނަސްރުގެ ވަކީލު މިއަދު ވަނީ ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށް މީގެ ކުރިން ނަސްރު ބުނެފައިވާ ކަމަށާއި ދިފާއީ ވަކީލު ހެކި އުފައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ޚުލާސާ ގޮތެއްގައި ވާހަކަދައްކަން ފުރުސަތު އެރުވުމުން ދިފާއީ ވަކީލު ވިދާޅުވީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ޚުލާސާ ބަޔާން ހުށަހަޅަން ދައުލަތުން ބޭނުންވަނީ ޑީއެންއޭ ރިޕޯޓު ތައްޔާރުކޮށް ނިމުމުން އެ ރިޕޯޓު ޝަރީއަތަށް ހުށަހެޅުމަށްފަހު ކަމަށެވެ.
ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ޑީއެންއޭ ރިޕޯޓު ޝަރީއަތަށް ބޭނުންނުވާ ކަމަށާއި ބުރާސްފަތި ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.