ޕީޑީއާރްއެމްގެ ބޭނުމަކީ ޕީޕަލްސް ކަޕްގެ ޗެންޕިއަންކަން ހޯދުން ކަމަށާއި މާދަމާގެ މެޗުގައި ސިންގަޕޫރުގެ ލަޔަންސާ ދެކޮޅަށް ނުކުންނައިރު، މި މުބާރާތުގެ އިތުރުން ވެސް ކުރިއަށް އޮތްތާ އެ ޓީމާ ކުރިމަތިލާން ޖެހޭނެ ކަމަށް ޕީޑީއާރްއެމްގެ އެސިސްޓަންޓް ކޯޗް މުހައްމަދު ފައުޒީ ޕިލަސް ބުނެފިއެވެ.

ފައުޒީ ބުނީ މާދަމާގެ މެޗަށް ނުކުންނަ އިރު ލަޔަންސަށް "ފޮރުވަން" ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އަންނަ މަހު ފަށާ މެލޭޝިއަން ސުޕާ ލީގުގައި އެ ޓީމާ ކުރުމަތިލާން ޖެހޭއިރު، އެ މުބާރާތުގައި އެއަށްވުރެ ވަރުގަދަ ޓީމުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ފައުޒީ ބުންޏެވެ.

"ކުރިން ވެސް ބުނިހެން ލަޔަންސަށް އަހަރުމެން ފޮރުވަން ޖެހޭނެ އެއްވެސް ކަމެއް ނެތް. މެލޭޝިއާ އާއި އިންޑޮނޭޝިއާ އަދި ސިންގަޕޫރު ހިސާބުގަނޑު ޓީމުތައް އެއް ޓީމު އަނެއް ޓީމު ވަރަށް ރަނގަޅަށް ދަންނާނެ. އެމްއެސްއެލްގައި އަހަރުމެން ކުރިމަތިލާން ޖެހޭ ފުރަތަމަ ޓީމަކީ ވެސް ލަޔަންސް. އަދި އެ މުބާރާތުގައި އެއަށްވުރެ ވަރުގަދަ ޓީމުތާކާއި ކުރިމަތިލާން ޖެހޭނެ. ބޭނުމަކީ ޕީޕަލްސް ކަޕްގެ ޗެންޕިއަންކަން ހޯދައި އެމްއެސްއެލްއަށް ދިޔުުން،" ފައުޒީ ބުންޏެވެ.

ފައުޒީ ބުނީ މާދަމާގެ މެޗުގައި ޓީމްގެ އާ ކުޅުންތެރިން ޓެސްޓުކޮށްލަން ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި މި މުބާރާތަށް ސްކޮޑުގެ ހުރިހާ ކުޅުންތެއިން މާލެ އައިސްފައިވުމުން، މެޗުތަކުގައި އެ ޓީމަށް ގިނަ ބަދަލުތަކެއް ގެންނަން ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ފައުޒީ ބުންޏެވެ.

"މާދަމާގެ ފުރަތަމަ އެގާރައިގައި ހިމަނާނީ ކޮން ކުޅުންތެރިންނެއްކަން އަދި ފައިނަލެއް ނުކުރަން. ނަމަވެސް ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެންނާނަން. އެމްއެސްއެލްގައި ކުޅޭ ޓީމަކާ ދެކޮޅަށް އަހަރުމެންގެ އާ ކުޅުންތެރިން ޓެސްޓުކޮށްލަން މާދަމާ ފުރުސަތު ލިބިގެން ދާނެ. މި މުބާރާތަށް އަހަރުމެން އައީ ފުލް ސްކޮޑާއެކު. އެހެން ކަމުން ވަރަށް ގިނަ އޮޕްޝަންތައް އަހަރުމެނަށް އެބޮތް. އަދި އެކަމުގެ ސަބަބުން ވޭތުވެދިޔަ މެޗުތަކުގައި ކުޅުނު ކުޅުންތެރިންގެ ފިޓްނެސްއާ މެދު އަހަރުމެން ވިސްނާކަށް ނުޖެހޭ،" ފައުޒީ ބުންޏެވެ.

މާދަމާގެ މެޗުގައިވެސް އަޝްފާގު ފެނިގެން ދާނެ ކަމަށާއި، މާދަމާގެ މެޗުގައި ވެސް އޭނާ ކުޅެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެ، ފައުޒީ ވަނީ އޭނާއަކީ ވަރަށް ކޮމިޓެޑް ކުޅުންތެރިއެއްކަން ފާހަގަ ކޮށްފަ އެވެ. އަދި އޭނާއާ މެދު މާ ބޮޑު ކަންބޮޑުވުންތަކެއް ނެތް ކަމަށާއި، މާދަމާގެ މެޗުގައި އޭނާގެ އެންމެ ފުރިހަމަ ކުޅުން ފެނިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ފައުޒީ ބުންޏެވެ.

އޭގެ އިތުރުން ފައުޒީ ބުނީ ލަޔަންސްގެ ކުޅުން ފިޒިކަލް ވިޔަސް ޕީޑީއާރްއެމް ހާސް ނުވާ ކަމަށެވެ. އަދި ޓީމުގެ ހެޑް ކޯޗް ޓީމާއެކު މިހާރު ނެތް ކަމުގައި ވިނަމަވެސް، ޓީމް ކުޅެމުން ދާނީ އޭނާގެ އިރުޝާދުގެ ދަށުން ކަމަށްވެސް ފައުޒީ ބުންޏެވެ.