25 Jan 2015, 17:11
ކޮނެގެން އުފައްދާ ފަހާއި އެ ނޫން ވެސް ކުނިބުނި އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފަށް އެޅުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
އޮސްޓްރޭލިއާގެ އެންވަޔަރަމަންޓް މިނިސްޓަރު ގްރެގް ހަންޓްއާ ހަވާލާދީ ބައެއް މީޑިއާތަކުން މިއަދު ބުނީ، އޮސްޓްރޭލިއާގެ ތަންތަން ކޮނެގެން އުކާލާ ވެއްޔާއި އަދި އެ ނޫން ސާމާނުތައް ގްރޭޓް ބެރިއާ ރީފަށް ނޭޅުމަށް ގްރޭޓް ރީފް މެެރިން ޕާކް އޮތޯރިޓީ އަށް އެކަން އަންގާފައިވާ ކަމަށެވެ.
ހަންޓް ވިދާޅުވީ މެރިން ޕާކަށް ކުނި ބުނި އެޅުމުގެ ޒަމާންވީ އާދަކާދަ ނައްތާލުމުގެ އަމުރު ނެރިފައިވާ ކަމަށެވެ.
ބޯޓު ފަހަރު ވަނުމަށް ނެރު ކެނޑުމާއި އަދި ބޯޓު ފަހަރު އެޅުމަށް ބަނދަރުތައް ހެދުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ގްރޭޓް ރީފަށް ވަނީ ދިމާވެފަ އެވެ.
ކުންޏާއި ފަސް ފަދަ ތެކެތި ފަރުމައްޗަށާއި ފަޅު މައްޗަށް އެޅުމުން ފަރުގެ ދިރުން މަރުވެ، ވިނަގަނޑުތައް މަރުވާ ކަމަށް އޮސްޓްރޭލިއާގެ ކޮންޒަވޭޓުން ބުންޏެވެ. އދ.ގެ ސައިންސާއި ސަގާފަތާއި ބެހޭ އިދާރާ، ޔުނެސްކޯގެ ހެރިޓޭޖު ލިސްޓްގައި ހިމަނާފައިވާ ރީފަކީ ނުރައްކާ ތަނެއްގެ ގޮތުގައި ލިސްޓް ކުރުމާ ބެހޭ ގޮތުން ޔުނެސްކޯ އިން އަންނަނީ ވިސްނަމުންނެވެ.

ހަންޓް ވިދާޅުވީ ގްރޭޓް ރީފް ނެޗުރަލް ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތައް ނިންމުމަށް އަންނަ ހަފްތާގައި ޔޫރަޕަށް ދަތުރެއް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ފަރަކީ ނުރައްކަލާ ކުރިމަތިވެފައިވާ ތަނެއްގެ ގޮތުގައި ލިސްޓް ނުކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
އެ ފަރަށް ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ވެސް ކުރިމަތިވެފަ އެވެ.
ހަންޓް ވިދާޅުވީ ފަރު ސްޓާފިޝް ކާ ކަމަށާއި ފަރުގެ ދިރުން ރަނގަޅުވެ، ފެނުގެ ސާފުކަން އަލިވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ބަނދަރުތައް ތަރައްގީ ކުރުމާއި ފަރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާ އާދަތައް ނައްތާލުމަށް ހަރުކަށި ފިޔަޅު އަޅާފައިވާ ކަމަށެވެ. ގްރޭޓް ބެެރިޔާ ރީފަކީ އޮސްޓްރޭލިއާ މީހުން ފަހުރުވެރިވާ ތަނެއްގެ ގޮތުގައި އަދި ގުދުރަތީ ހައިރާން ކުރުވަނިވި ތަނެއްގެ ގޮތުގައި ފަރު ބާއްވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ވާހަކަ ދައްކާ ފަރާތްތަކުން ބުނީ މިނިސްޓަރު އިތުރަށް އެއް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ހަމައެކަނި ފަސް ނާޅާ ނަތަނަކީ މެރިން ޕާކް ކަމަށް ހެދުމުގެ ބަދަލުގައި ވޯލްޑް ހެރިޓޭޖު އޭރިއާގެ ގޮތުގައި ބަލާފައިވާ ތަނަށް ފަސް އެޅުން ފަދަ ހަރަކާތްތައް ހުއްޓުވަން ޖެހޭ ކަމަށެެވެ.