25 Jan 2015, 17:01
މިދިޔަ އަހަރު އޯލެވެލް އިމްތިހާން ނިންމި ދަރިވަރުންނަށް އެހެން ސްކޫލުތަކުގައި ކިޔަވާ ނުދޭ މާއްދާތަކަކާއެކު މަތީ ސާނަވީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލުން ހުޅުވާލައިފި އެވެ.
މިދިޔަ ބުދަ ދުވަހު އެ ސްކޫލަށް ވަނުމަށް ބޭނުންވާ ފަރާތްތައް ފޯމް ދޫކުރަން ފަށާފައިވާއިރު މަތީ ސާނަވީއަށް ކިޔަވައިދޭ އެހެން ސްކޫލުތަކާ ހިލާފަށް ކުދިންނަށް ފައިދާ ހުރި ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް މެޕްސުން ބުންޏެވެ.
ބިޒްނަސް ސްޓްރީމް މާއްދާތަކާއެކު އެހެން ސްކޫލުތަކުގައި ކިޔަވައި ނުދޭ މާއްދާތައް ކަމުގައިވާ ސައިކޮލޮޖީ އާއި ލޯ އާއި އެޑްވާންސްޑް އައިސީޓީ އާއި ޓްރެވެލް އެންޑް ޓުއަރިޒަމްގެ އިތުރުން ގަވާމެންޓް އެންޑް ޕޮލިޓިކްސް ވެސް މެޕްސް އިން ކިޔަވައިދެ އެވެ. އެ މާއްދާތައް އިހްތިޔާރު ކުރަން ބޭނުންވާ ދަރިވަރަކަށް އެ ފުރުސަތު އޮތް ކަން މެޕްސުން ބުންޏެވެ.
މެޕްސް ސްކޫލުގެ މަގުސަދަކީ ހަމައެކަނި ދަރިވަރުން ހަދާ އިމްތިހާންތަކުން މަތީ ވަނައެއް ނެރުން ނޫން ކަމަށާއި އެ ސްލޫގެ އެންމެ ބޮޑު މަގްސަދަކީ ދަރިވަރުން ވަޒީފާގެ މައިދާނަށް އަހުލުވެރި ކުރުން ކަމަށް މެޕްސް އިން ބުންޏެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މެޕްސް ސްކޫލުން ކިޔަވައިދޭނީ ސްމާޓް ކްލާސްރޫމްތަކުގަ އެވެ. މިނިވަން އަދި ހިތްފަސޭހަ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ދޭ މެޕްސް އިން ބުނީ އެ ސްކޫލުގެ ކޮމްޕިއުޓާ ލެބާއި ލައިބްރަރީގެ ހިދުމަތް ބޭނުން ވަގުތަކު ބޭނުން ކުރެވޭނެ ކަމަށެވެ.