25 Jan 2015, 16:43
ތެލުގެ އަގުދަށަށް ދިޔުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ސައޫދީ އައު ރަސްގެފާނު ސަލްމާންގެ ވެރިކަމަށް ކުރިމަތިވެގެންދާނެ ކަމަށް އެމެރިކާގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ފޮރިން ޕޮލިސީ ބުނެފި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ޚާރިޖީ ސިޔާސަތުތަކާއި ބައިނަލްއަގްވާމީ ސިޔާސަތުތަކާބެހޭ ތަހްލީލްތައް ކުރާ އެމެރިކާ މި މަޖައްލާ ބުނާގޮތުން ފުރަތަމަ ގޮންޖެހުމަކީ ސައޫދީ ސަރުކާރުތަކުން ޒަމާނުއްސުރެ ރައްޔިތުންނަށް ދެމުންގެންދާ އިޖްތިމާއީ ރައްކާތެރިކަމުގެ ދީލަތި އެހީތައް ދިނުން ދަތިވެގެންދިޔުމެވެ. ތެލުންލިބޭ އާމްދަނީ ދަށަށް ދިޔުމަކީ ސައޫދީ ސަރުކާރުތަކުން އެގައުމުގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދެމުންގެންދާ ހިލޭ ބޭސްފަރުވާއާއި ހިލޭ ތައްލީމުގެ އިތުރުން ކަރަންޓާއި ފެނާއި ގެދޮރުފަދަ އަގުބޮޑު ޚިދްމަތްތައް ކުޑައަގެއްގައި ދިނުމަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމެކެވެ.
އަރަބި އެހެން ގައުމުތަކުގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވަމުންދާ ގޮތަށް ސައޫދީ އަރަބިޔާގެ ރައްޔިތުން އެގައުމުގެ ރަސްކަމުގެ ނިޒާމާދެކޮޅަށް ނުތެދުވުމުގެ މައިގަނޑު ސަބަބަކީ ސައޫދީ އަރަބިޔާއަށް ލިބިގެންވާ ތެލުގެ މުއްސަނދި ކަމާއެކު އެގައުމުގެ ރަސްކަމުގެ ނިޒާމުން ރައްޔިތުންނަށް ދެމުންގެންދާ މިފަދަ ދީލަތި ޚިދްމަތްތައް ކަމަށް ފޮރިން ޕޮލިސީ ބުނެ އެވެ. މިޚިދްމަތްތައް މިގޮތަށް ދިނުންދަތިވެއްޖެނަމަ ސައޫދީ ރައްޔިތުންގެ ރުޅިވެރިކަން ޝާހީ އާއިލާއަށް އަމާޒުވުމުގެ ފުރްސަތު ބޮޑުކަމަށް މިމަޖައްލާ ބުނެ އެވެ.
ދެވަނަ ގޮންޖެހުމަކީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ސައޫދީ ބިނާކުރަމުންގެންދާ އެގައުމުގެ ސިފައިންގެ ލަޝްކަރުތަކަށް ހީނަރުކަން އައުމުގެ ބިރާއި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަން ދެމެހެއްޓުމަށް ސައޫދީން ކުރަމުންގެންދާ ޚަރަދުތައް ކުރުން ދަތިވުމުގެ މައްސަލަ އެވެ. ސީސީގެ ވެރިކަމުގެ ނިޒާމަކީ ސައޫދީ އަރަބިޔާއަށްއޮތް ރައްކާތެރިކަމުގެ ކިއްލާއެއް ކަމަށް އެގައުމުގެ ޝާހީ ޢާއިލާއިން ދެކޭއިރު ތެލުގެ އަގު ދިގުމުއްދަތަކަށް ދަށަށްދާނަމަ ސީސީގެ ސަރުކާރު ދެމެހެއްޓުމަށް ބޭނުންވާ މާލީ އެހީތަކާއި އިންވެސްޓްމަންޓްތައް ސީސީގެ ނިޒާމަށް ފޯރުކޮށްދިނުމަކީ ސައޫދީންނަށް ދަތިކަމަކަށްވާނެ ކަމަށް ފޮރިން ޕޮލިސީ ބުނެ އެވެ.
ތިންވަނަ ގޮންޖެހުމަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް ސައޫދީން ކުރަމުން ބޮޑެތި ޚަރަދުތައްވެސް ތެލުގެ އާމްދަނީ ދިގުމުއްދަތަކަށް ދަށަށް ދިޔުމުން ކުރަންދަތިވުމެވެ. ތެލުގެ އާމްދަނީ ދަށަށްދިޔުމުން ލިބޭގެއްލުންތައް އެހެން ގޮތަކުން ފޫބެއްދުމަކީ ކައިރި މުސްތަގްބަލެއްގައި ސައޫދީންނަށް ކުރެވޭނެ ކަމެއްނޫންކަމަކަށް ނުވާއިރު މިއީވެސް އައު ރަސްގެފާނު ސަލްމާން އަށް ކުރިމަތިވެވަޑައިގަންނަވާނެ އައު ގޮންޖެހުމެއްކަމަށް މިމަޖައްލާ ބުނެ އެވެ.
މީގެއިތުރުން އީރާނާއި އެމެރިކާ ގާތްވަމުންދިޔުމާއި އިރާގާއި ސޫރިޔާގައި އައިއެސް ޖަމާއަތް ފާޅުވުމާގުޅިގެން އީރާނުގެ މުހިއްމުކަން އެމެރިކާއަށް ބޮޑުވެގެން ދިޔުމަކީވެސް ސައޫދީ އައުރަސްގެފާނު ސަލްމާނަށް ކުރިމަތިވެ ވަޑައިގަންނަވާނެ އިތުރު ގޮންޖެހުމެއް ކަމަށް މިމަޖައްލާ ސިފަކުރެ އެވެ. އީރާނާ ކުރިން ދިމާކުރި ގޮތަށް ދިމާކޮށް ބިރުދެއްކުމަކީ މިހާރު އެމެރިކާގެ މަސްލަހަތަކަށް ނުވާއިރު އައިއެސް އާ ކުރިމަތިލުމުގައި އީރާނުގެ އެއްބާރުލުމާއި އެހީތެރިކަމަށް އެމެރިކާ އިންތިހާއަށް ބޭނުންވެ އެވެ.
އެހެންކަމުން މެދުއިރުމަތީގައިވާ އައިއެސްއާއި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތަކުގެ ނުރައްކަލާ ކުރިމަތިލުމަށް އެމެރިކާ ނުކުޅެދިފައިޥާ މިދަނޑިވަޅުގައި އީރާނުގެ ނިއުކްލިޔަރ މައްސަލަ ސުލްޙަވެރިގޮތުގައި ޙައްލުކުރުމަށްޓަކައި އީރާނާއެކު ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ދިޔުން އެމެރިކާއަށް މިހާރު މަޖްބޫރުވެފައިވާކަމަށް މިމަޖައްލާ ބުނެ އެވެ. އީރާނުގެ ނިއުކްލިޔަރ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ އެއްބަސްވުމަކާ ހަމައަށްގޮސް އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއެއްދީފިނަމަ ސައޫދީންގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އީރާނާއެކު ބާރުގެ ތިލަފަތް ހަމަކުރުމަކީ ސައޫދީ އައު ރަސްގެފާނަށް ކުރިމަތިވެވަޑައިގަންނަވާނެ އާދަޔާ ޚިލާފު ބޮޑު މައްސަލައެއް ކަމަށް ފޮރިން ޕޮލިސީ މަޖައްލާ ބުނެ އެވެ.
ވޯލްޑް ބޭންކުގެ ތެލާ ބެހޭ ތަޖްރިބާކާރެއް ކަމަށްވާ ޕްރޮފެސަރު މަމްދޫޙް ސަލާމާ ދާދިފަހުން ވިދާޅުވެފައިވަނީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ގައުމުތައް ބޭނުންވަނީ ހެޔޮއަގުގައި ގިނައިން ތެޔޮ އެކްސްޕޯޓްކޮށްގެން ބަޖެޓް ދެކޮޅު ޖައްސަން ކަމަށްވާތީ މިސިޔާސަތުގެ ސަބަބުން އެގައުމުގެ ތެލުގެ ރިޒާވްގެ ބޮޑުބައެއް ނުއަގުގައި ވިއްކައި ބޭކާރުކޮށްލެވޭ ކަމުގަ އެވެ. ނަތީޖާއަކީ ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ އަވަހަށް މިގައުމުތަކުގެ ތެލުގެ ރިޒާވް ހުސްވުމެވެ.
ސަލާމާ ވިދާޅުވެފައިވަނީ ތެލުގެ އަގު ބާޒާރުގައި ދަށަށް ދިޔުމާގުޅިގެން އެގައުމުތަކަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަން މަދުވެ މިހާލަތުގައި އެގައުމުތަކަށް އިޖްތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ފުރްސަތު ބޮޑުވެގެންދާނެ ކަމުގަ އެވެ. އަދި އެކަން ދާޚިލީ ހަމަނެޖެހުންތަކަކަށް ބަދަލުވެގެންދާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން އެމެރިކާ އަލަށް އީޖާދުކުރި ޝެއިލް އޮއިލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެމެރިކާގައި ގިނަ އަދަދަކަށް މިހާރު ތެޔޮ އުފައްދަމުން ގެންދާތީ ތެޔޮ އިންޕޯޓްކުރާ ގައުމަކުން ތެޔޮ އެކްސްޕޯޓްކުރާ ގައުމަކަށް އެމެރިކާ ބަދަލުވަމުންދާ ކަމަށާ އެހެންކަމުން ތެލުގެ އަގު ކުރީގެ ޙާލަތަށް މައްޗަށް ދިޔުމުގެ ފުރްސަތު ދިގުމުއްދަތަކަށް ބަލާއިރު ކުޑަކަމަށްވެސް ސަލާމާ ވިދާޅުވެފައިވެ އެވެ. މިފަދަ ޙާލަތެއްގައި ސައޫދީ އަރަބިޔާފަދަ ގައުމުތަކަށް ތެލުގެ ސަބަބުން ލިބިފައިވާ ބާރާއި ނުފޫޒު ކުރިޔަށްއޮތް ދިހަވަރަކަށް އަހަރު ތެރޭގައި ގެއްލިގެންދާނެ ކަމަށްވެސް ސަލާމާ ވިދާޅުވެފައިވެ އެވެ.