ޕީޕަލްްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނިއުރޭޑިއެންޓާ ދެކޮޅަށް މާޒިޔާ މާދަމާ ނުކުންނައިރު، ޓީމުގެ ޓާގެޓަކަށް ވާނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުން ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ބުނީ މާދަމާގެ މެޗު ކާމިޔާބު ކުރަން ޖެހޭ ކަމަށާއި، އެ މެޗުގައި އެއް ޕޮއިންޓު ހޯދައިން ފުއްދާލެވެން ނެތް ކަމަށެވެ. އަދި މާދަމާގެ މެޗުން މޮޅުވެ ފައިނަލަށް ދެވިއްޖެނަމަ، ނިއު މުބާރާތުން ކެޓިއަސް މިހާރު މުބާރާތުގައި އެހެން ޓީމްތަކާއި ބައްދަލުކޮށްފައިވާ ކަމަށާއި، އެ ޓީމުތަކުގެ ކުޅުން މިހާރު އިނގޭ ކަމަށް ވެސް ސުޒޭން ބުންޏެވެ.

"މާދަމާގެ މެޗުގައި މާޒިޔާގެ ޓާގެޓަކީ ފައިނަލަށް ދިޔުން. އެ މެޗުގައި އެ ޕޮއިންޓަށް ކުޅެވޭކަށް ނެތް، އެ މެޗުން މޮޅުވާން ޖެހޭ. އަދި ނިއު ބަލިކޮށް ފައިނަލަށް ދެވިއްޖެނަމަ ނަތީޖާ ޕޮސިޓިވް ވާނެ ކަމަށް ލަފާ ކުރެވޭ. އެއީ މި މުބާރާތުގައި ދެން ތިބި ޓީމްތަކާވެސް ބައްދަލުކޮށްފިން. އެހެން ކަމުން އެ ޓީމް ތަކުގެ ކުޅުން ވެސް އިނގޭ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ނިއުއަށް މިހާރު މުބާރާތުގެ ފައިނަލުން ޖާގަ ގެއްލިފައި ވިޔަސް، އެ ޓީމް މާދަމާގެ މެޗުގައި ސީރިއަސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވޭތުވެދިޔަ މެޗުތަކުގައި ފަހަތުން އަރައި އިދިކޮޅު ޓީމްތައް ލަނޑު ޖެހުމުން، މާޒިޔާގެ ކުޅުންތެރިން ކޮންމެވެސް ވަރަކަށް ހިތްވަރު އެލުނު ކަން ފާހަގަކޮށް، ސުޒޭން ވަނީ ޓީމުގައި ކޮމިއުނިކޭޝަން މައްސަލައެއް އުޅޭ ކަމަށް ފާހަގަކޮށްފައެވެ.

"ވޭތުވެދިޔަ މެޗުތަކުގައި ވީ ގޮތުން ކުޅުންތެރިން ކޮންމެވެސް ވަރަކަށް ހިތްވަރު އެލުނު. އެހެން އެކަން ދިމާވީ ޓީމުގައި ކޮންމެވެސް ވަރެއްގެ ކޮމިއުނިކޭޝަން މައްސަލަތަކެއް އުޅޭތީ. މާދަމާގެ މެޗަކީވެސް ވަކި ފަސޭހަ މެޗަކަށް ނުވާނެ. އެ މެޗު ނިއު ލައިޓްކޮށެއް ނުނަގާނެ. މެޗު އީޒީ ކޮށްލަން އެ ޓީމަށް އެއްވެސް ސަބަބެއް ނެތް. ދެން އެ ޓީމަށް މުބާރާތުގައި އިތުރު މެޗުތަކެއް ނެތް. އޭގެ އިތުރުން އޭއެފްސީ ކަޕަށް އަދި ގިނަ ދުވަސް ތަކެއް އެބޮތް. އެހެން ކަމުން މާދަމާގެ މެޗު އުނދަގޫ ވާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މާދަމާގެ މެޗުގައި ޓީމްގެ ފުރަތަމައެ 11 އިން ބަދަލުތަކެއް ފެނިގެން ދިޔުން އެކަށީގެންވާ ކަމަށެވެ. އަދި ޓީމްގެ ބިދޭސީ ކުޅުންތެރިންގެ ކުޅުމާމެދު ހިންހަމަ ޖެހޭ ކަމަށާއި، ތަޖުރިބަކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނެތްތަން ޓީމްގެ ކުޅުންތެރިންނަށް ފޫބެއްދޭކަން ވެސް ސުޒޭން ވަނީ ފާހަގަ ކޮށްފައެވެ.

"ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެންނަން ޖެހޭ، އެއީ ރޭގެ މެޗުގައި ޔާމްބެ ވެސް ބަދަލުކުރީ އޭނަ ހަމަ އެއްކޮށް ހުސްވެގެން. އަދި އޭގެ އިތުރުން ބޮކުރީ ވެސް ސަލާމަތް ކުރަން ޖެހޭ. ނަމަވެސް މިއަދު ޓްރެއިނިން އަށް ފަހު އިނގޭނީ. ފުރަތަމަ 11 އިން ދެ ތިން ބަދަލެއް ފެނިގެން ދިޔުން އެކަށީގެންވޭ. ޓީމްގެ ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، ޖަޕާނު ކުޅުންތެރިޔާ މެދުތެރޭގައި ކުޅެމުންދާ ކުޅުމާމެދު ހިންހަމަޖެހޭ، އޭނާ ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލް ވަރަށް ފުރިހަމައަށް އަދާ ކުރޭ. ޓީމްގެ މިޑްފީލްޑަރުން އަދިވެސް ރަނގަޅު ކުރަން ޖެހޭ، ނަމަވެސް ބަކާ ނެތް ތަންކޮޅު މިހާރު ޓީމަށް ފުބެއްދޭ،" ސުޒޭން ބުންޏެވެ.

ސުޒޭން ވަނީ މާޒިޔާ ކުޅުނު ފުރަތަމަ މެޗަށްވުރެ ދެވަނަ މެޗުގައި ޓީމުގެ އޯގަނައިޒޭޝަން ރަނގަޅުކަން ފާހަގަކޮށް، ކުރިއަށް ކުޅެން އޮތް މެޗަކީ ލޯކަލް ޓީމަކާ ދެކޮޅަށް ކުޅޭ މެޗަކަށް ވުމުން، ޓީމަށް އިތުބާރު އޮތް ކަމަށް ބުނެފަ އެވެ.