ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ދެބޭފުޅުންނާއެކު ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މައުމޫނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދަވާ ‏‏ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު ‏‏އޮތްގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި މައުމޫން ދެއްކެވި ވާހަކަފުގައި، ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށާއި، ސަރުކާރުން ‏‏ރައްޔިތުންނަށް ފޯރުކޮށްދެއްވަން ‏‏ބޭނުންވާ ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމުގައި ޕީޕީއެމްގެ ފަރާތުން ‏‏ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް މިއަދުގެ ސަރުކާރަށް އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ‏‏ޔަޤީންކަން ‏ރައީސް ޔާމީނަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވަހީދާއެކު ރައީސް ޔާމީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވަހީދާއެކު ބޭއްވި ބައްދަލުވުގައި ޤައުމުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުންނާއި، ޤައުމުގެ ‏‏ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ބެހޭ ގޮތުން ‏‏ރައީސް ޔާމީނާ ދެބޭފުޅުން މަޝްވަރާ ކުރެއްވެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުކުރެއްވުމުގައި، ‏ރައީސް ވަޙީދާ ދެއްކެވި ‏‏ވާހަކަފުޅުގައި، ސަރުކާރުން ޤައުމުގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ‏‏މައްޗަށް އަލިއަޅުއްވައިލައްވައި، އެކަމަށްޓަކައި ‏ރައީސް ޔާމީނަށް ތަޢުރީފުކުރެއްވި އެވެ. މީގެ އިތުރަށް، ‏ސަރުކާރުން އެދިވަޑައިގަންނެވި ކޮންމެ ‏‏ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވެވި އެވެ.‏

ކުރީގެ ދެ ރައީސުންނާ ރައީސް ޔާމީން މިއަދު ބައްދަލުކުރައްވާފައިވާ އިރު ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ، ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީ އިން ވަނީ ރަސްމީކޮށް ކޯލިޝަނުން ވަކިވެފަ އެވެ. އަދި ހަމައެއާ އެކު ގާނޫނު އަސާސީގެ ދިފާއުގައި އެހެން ޕާޓީތަކާ އެކު މަސައްކަތް ކުރުމަށް ވެސް އެޕާޓީ އިން ވަނީ ނިންމާފައި އެވެ.