25 Jan 2015, 15:52
ކާނިވާ ސަރަހައްދުގައި ބޭނުން ނުކޮށް ހަލާކުވެފައި ހުރި އުޅަނދުތަކާއި ބާ ދަގަނޑުތައް ނެގުމުގެ ގޮތުން އިއްޔެ ހައުސިން މިނިސްޓްރީއާ ފުލުހުން ގުޅިގެން ކުރި މަސައްކަތުގައި 11 ވެހިކަލެއް ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބޭނުން ނުކުރާތާ އެތައް ދުވަހެއް ވެފައިވާ ހަތް ކާރަކާއި ދެ ވޭނުގެ އިތުރުން އެއް ސައިކަލާ ޕިކަޕް ކާނިވާ ސަރަހައްދުން ނަގާފައިވާ ކަމަށެވެ. ހައުސިން މިނިސްޓްރީން ބުނީ އިއްޔެ ކާނިވާ ސަރަހައްދުން ނެގި ވެހިކަލްތައް ބަހައްޓާފައި ވަނީ ގާއަޅާ ކޮށީގައި ކަމަށެވެ.
ހައުސިން މިނިސްޓްރީ އިން ބުނީ އިއްޔެ ނެގި ވެހިކަލްތަކުގެ ވެރި ފަރާތް ހޯދުމަށް ފުލުހުން އިއުލާން ކުރާނެ ކަމަށެވެ. އަދި އިއުލާން ކުރުމަށްފަހު ވަކި މުއްދަތެއްގެ ތެރޭގައި ވެހިކަލްތައް ނައްތާލާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. އަދި މާލޭގެ މަގުތަކުން ނެގި ވެހިކަލްތައް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
ހައުސިން މިނިސްޓަރު މުއިއްޒު އިއްޔެ ވިދާޅުވީ އެ މަސައްކަތުގެ ބޭނުމަކީ މާލޭގެ މަގުތަކުގައި އުކާލާފައި ހުންނަ ކުނި ބުނި ނެގުން ކަމަށެވެ. އެގޮތުން ކާނިވާ ސަރަހައްދުގައި ވެސް އެފަދަ ތަކެތި ފުދޭ ވަރަކަށް ގިނަ ކަމަށާއި އެ މިނިސްޓްރީގެ އަމާޒަކީ މާލޭގެ މަގުތަކަކީ ސާފު ތަނަކަށް ހެދުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.