25 Jan 2015, 15:36
އަހްލާގު ރަނގަޅު ކިޔަމަންތެރި ގައިދީން ލައްވާ ތިލަފުށީގައި މަސައްކަތް ކުރުވަން ފަށައިފި އެވެ. އެ ގައިދީން ގެންގުޅޭނެ ލުއި ޖަލެއް ތިލަފުށީގައި ހެދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒު މިއަދު "ސަން"އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތިލަފުށީގައި 100 ގައިދީން ގެންގުޅޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ތިލަފުށީގައި މަސައްކަތް ކުރަމުން ގެންދަނީ 20 ގައިދީން ކަމަށް ރަމީޒު ވިދާޅުވި އެވެ.
"އަދި އެތަނުގެ މަސައްކަތް ރަސްމީކޮށް ފެށުނީއެއް ނޫން އިނގޭތޯ. އެކަމުގެ ހާއްސަ ރަސްމިއްޔާތެއް ވެސް އަދި އަޅުގަނޑުމެން ބާއްވާފައެއް ނުވާނެ. އެކަން އަޅުގަނޑު ހަމަ މި ފުރުސަތު ފާހަގަކޮށްލަން. ދެން ހަމައެއާއެކު މިހާރު ތިލަފުށީގައި މަސައްކަތް ކުރަމުން ދަނީ 20 ގައިދީއަކު. އެކަމަކު އަޅުގަނޑުމެން ޕްލޭން ކޮށްފައި ވާނީ 100 ގައިދީންނަށް،" ރަމީޒު ވިދާޅުވި އެވެ.
ރަމީޒު ވިދާޅުވީ ތިލަފުށީގައި މިހާރު މަސައްކަތް ކުރާ 20 ގައިދީން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ގުޅިގެން ގައު އެޅުމުގެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ގައިދީންނަށް ވެސް އެމީހުން ކުރާ މަސައްކަތަށް އުޖޫރަ ވެސް ދިނުން. އެމީހުން ބޭނުމިއްޔާ އާއިލާއަށް ވެސް ފައިސާ ފޮނުވޭ ގޮތަށް އޮންނާނީ. އަދި އެމީހުންގެ އަމިއްލަ ބޭނުންތައްވެސް ކުރެވޭ ގޮތަށް،" ރަމީޒު ވިދާޅުވި އެވެ.