ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ނައްތާލަން ކޯޓު އަމުރެއް ނެރެން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ނިމިފައި ހުރި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން އަތުލައިގަނެފައިވާ ބަނގުރާ ފުޅިތައް ނައްތާލުމަށް ކޯޓު އަމުރެއް ނުލިބުމުގެ ސަބަބުން އެތަކެތި ނައްތާނުލެވިވާ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ. ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފުލުހުން ކޯޓު އަމުރަށް އެދުމުން މިއަދު ސިޓީ އަކުން ޖަވާބު ދީފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ "ހުށަހަޅަފައިވާ ކަންކަމާއި ގަވާއިދުތަކުގެ މައްޗަށް ބިނާކޮށް މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ނައްތާލުމަށް ކޯޓު އަމުރެއް ނެރެންޖޭ ގާނޫނީ ހަމައެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ،"

ފުލުހުން މިއަދު ބުނީ ދެ ފަހަރެއްގެ މަތިން ބަނގުރާ ފުޅިތައް ނައްތާލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކޯޓް އަމުރު ނުލިބިގެން ނައްތާނުލެވި ލަސްވަނީ ކަމަށެވެ.

ކޯޓު އަމުރު ނުލިބިގެން ބަނގުރާ ފުޅިތައް ނައްތާނުލެވިވާ އިރު މިދިޔަ އަހަރު ވަނީ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ގެންދާ ތަކެތި ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެެއް ހަދާފަ އެވެ.

އެގަވާއިދުގައިވާ ގޮތުން ނައްތައިލަންޖެހޭ ތަކެތި ނައްތާލުމުގެ ކުރިން ނުވަތަ ހުއްދަގޮތުގައި ބޭނުންކުރެވިދާނެ އަގެއް ހުރި އެއްޗެއްގެ ގޮތުގައި ނީލަމުގައި ވިއްކާލުމަށް ނިންމައި ތަކެތި ވިއްކާލުމުގެ ކުރިން އެއްޗެއް ނައްތައިލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމުގެ އަމުރެއް ކޯޓުން ހޯދަން ވާނެ ކަމަށް ބުނެފައިވެ އެވެ.