25 Jan 2015, 14:53
ވިލިމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއް ގަވާއިދާ ޚިލާފަށް އާޅާފައި އޮތުމާ ގުޅިގެން، މާލޭ ސިޓީކައުންސިލުން ގިނަ އަދަދެއްގެ ޖޫރިމަނާ ސްޓިކާ ޖަހައިފި އެވެ.
ވިލިމާލޭ ފަޅުގައި ޖޭޓީއާ ވާގޮތަށް ހުރަހަށް އަޅާފައި އޮތް ހުދުކުލައިގެ އެ ސަފާރީގައި ސަތޭކައެއްހާ ޖޫރިމަނާ ސްޓިކާ މާލޭ ސިޓީ ކައުންސިލުން ވަނީ ޖަހާފަ އެވެ. ތިންބުރިއަށް ހަދާފައި އޮތް އެ ސަފާރީގައި ނަމެއް ޖަހާފައި ނުވާއިރު، ގިނަ ދުވަސްވުމުގެ ސަބަބުން ކޮންމެސްވަރަކަށް ދަބަރުގެ އަސަރު ފެންނަން ހުއްޓެވެ.
މާލޭ ސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސާޖިދު މިއަދު 'ސަން' އަށް ވިދާޅުވީ ގަވާއިދާ ޚިލާފަށް ފަޅުގައި އަޅާފައި ހުންނަ، ހުރިހާ އުޅަދެއްގައިވެސް ޖޫރިމަނާ ސްޓިކާ ޖަހަމުންދާ ކަމަށެވެ. އަދި ބައެއް އުޅަދުފަހަރުގައި 100 އަށް ވުރެ ގިނައިންވެސް ސްޓިކާ ޖަހާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އުޅަދަކަށްވެސް ވަކި އޭރިއާ އެއް ދީފަ އިންނަ އިރު، ގަވާއިދާ ޚިލާފަށް އަޅާފައި ހުންނަ އުޅަނދުގައި ސްޓިކާ ޖަހަމުން މިދަނީ،" ސާޖިދު ވިދާޅުވި އެވެ.
ކޮންމެ ސްޓިކާއަކަށް 100 އާއި 250 ހާއި ދެމެދުގެ އަދަދަކަށް ފައިސާ ދައްކަން ޖެހޭކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ޖޫރިމަނާ ސްޓިކާ ހުންނަ އޮޑި ދޯނި ފަހަރަށް ޓީ ޖެޓީން އެއްވެސް ޚިދުމަތެއް ދެމުން ނުދާއިރު، އެ އޮޑިއެއް ވިއްކާލުން، ނުވަތަ ރެޖިސްޓްރީ ބަދަލުކުރާ ހިސާބަށް ދިއުމުން، ޖޫރިމަނާ ކޮންމެ ސްޓިކާއަކަށް ވާ ފައިސާ އެއްކޮށް ދައްކަން ޖެހޭނެ ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.