ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި އެގައުމުގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ދީފައިވާ ކާނަލްކަމުގެ މަގާމުގެ ރޭންކް ނަގަން އެ ގައުމުގެ އާ ސަރުކާރުން ނިންމައިފި އެވެ.

ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓަރު އަކިޔަވިރާޖް ކަސިޔަވިރަމް ވިދާޅުވިކަމަށް ކޮލަމްބޯ ގެޒެޓްނޫހުން ބުނީ ޕްރިންސިޕަލުންނަށް ދީފައިވާ ކާނަލްކަން ނަގާނެ ކަމަށާއި އެފަދަ 200 ވަރަކަށް ޕްރިންސިޕަލުން ތިބިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން އޮތުމަކީ ގައުމަށް ފައިދާހުރި ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް ބުންޏެވެ.

ކުރީގެ ސަރުކާރުން ކާނަލްކަން ދީފައިވާ 200 ވަރަކަށް ޕްރިންސިޕަލުން ތިބިކަން ލަންކާގެ އާ ސަރުކާރަށް އެނގުނީ އެޑިއުކޭޝަން ދާއިރާއާއި ޓްރޭޑް ޔޫނިއަންތަކުގެ މީހުންނާއި އެކު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމަކުންނެވެ.
ދަރިން ސްކޫލަށް ވެއްދުމަށް އަންނަ ބެލެނިވެރިން އަތުން ފައިސާ ހޯދާ ޕްރިންސިޕަލުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ލަންކާ އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން އެކަންކަމާ ބެހޭ ސާކިއުލާ އެއް ނެރޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.