25 Jan 2015, 13:48
މައްސަލަ ނިމިފައި ހުރި ބަނގުރާ ފުޅިތައް ނައްތާނުލެވި ވަނީ ކޯޓު އަމުރު ނުލިބިގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނޫސްވެރިންގެ ހާޒިރުގައި މިއަދު ދޫނިދޫގައި ބަނގުރާތައް ނައްތާލުމަށް ބާއްވަން ހަމަޖެއްސި އިވެންޓް ކެންސަލް ކުރާން ޖެހުނީ ކޯޓު އަމުރު ނުލިބުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އަމުރު ނުލިބި ވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. ގަވާއިދުގައި ބުނާ ގޮތުގައި ބަނގުރާ ނައްތާލެވޭނީ ކްރިމިނަލް ކޯޓުން ހުއްދަ ލިބިގެންނެވެ. އެކަމާ ގުޅިގެން ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ނައްތާލަން ނިންމާފައި ވަނީ މިހާރު ނިމިފައި ހުރި މައްސަލަތަކާ ގުޅޭ ބަނގުރާ ފުޅިތައް ކަމަށެވެ. ނަމަވެސް ނައްތާލަން ނިންމާފައި ވަނީ ކިހާ އަދަދެއްގެ ބަނގުރަލެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ ދެ ފަހަރެއްގެ މަތިން ބަނގުރާ ފުޅިތައް ނައްތާލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ކޯޓު އަމުރު ނުލިބިގެން ނައްތާ ނުލެވި ލަސްވަނީ ކަމަށެވެ.
ކޯޓު އަމުރު ނުލިބިގެން ބަނގުރާ ފުޅިތައް ނައްތާނުލެވިވާއިރު ދާދިފަހުން ވަނީ ބަނގުރާ ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު އިސްލާހުކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށާފަ އެވެ.