25 Jan 2015, 13:31
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ދިވެހިން ނުވަތަ ލަންކާގެ "އެންޓި-ނޭޝަނަލް" ބަޔަކު ހަމަލާ ދީފާނެ ކަމަށް އިންޑިއަން އިންޓެލިޖެންސް އިން ބުނެފި އެވެ.
އެކަމަށް ސަމާލުވުމަށް އެދި އިންޑިއަން އިންޓެލިޖެންސް އިން ވަނީ ނިއު ދިއްލީގެ ފުލުހުންނަށާއި އިތުރު ސެކިއުރިޓީ އެޖެންސީތަކަށް ސަމާލުވުމަށް އެދި އެލާޓު ފޮނުވާފައި ކަމަށް ހިންދުސްތާން ޓައިމްސް އިން ބުނެފައިވެ އެވެ. އިންޑިޔާގައި ރަށްވެހިވެ ތިބި ލަންކާ މީހުންނާއި ދިވެހީންނަށް ސަމާލު ކަމެއް ދީފައިވާ އިރު އެ މީހުންގެ ތެރެއިން ވީޒާ ހަމަވެފައިވާ ނުވަތަ ދިގު މުއްދަތުގެ ވީޒާ ހުރި މީހުންނަށް ހާއްސަ ސަމާލު ކަމެއް ދެމުން އަންނަ ކަމަށް ހިންދުސްތާން ޓައިމްސުން ބުނެފައިވެ އެވެ.
އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުން ކަޅު ދިދަ ހިފައިގެން މުޒާހަރާއަށް ނުކުންނާނެ ކަމަށް ހިންދުސްތާން ޓައިމްސް އިން ވަނީ ބުނެފަ އެވެ.
ދިއްލީގެ އިތުރުން އެފަދަ ހަމަލާއެއް އިންޑިޔާގެ އާގަރާއަށް ކުރާ ދަތުރުފުޅުގައި ވެސް ލިބިދާނެ ކަމަށް ހިންދު ޓައިމްސް އިން ބުންޏެވެ. ނަމަވެސް އާގަރާގެ ތާޖު މަހަލް އަށް ކުރައްވަން އޮތް ދަތުރުފުޅު ވަނީ ސައުދީގެ ރިޔާޟަށް ކުރައްވަން ޖެހުނު ދަތުރުފުޅަކާ އެކު އޮބާމާ ކެންސަލް ކުރައްވައިފަ އެވެ. ރިޔާޟަށް ކުއްލި ދަތުރުފުޅެއް ކުރައްވަން ޖެހުނީ ސައުދި އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަލް ސައުދު އަވަހާރަވުމާ ގުޅިގެންނެވެ.
"ހައި ވެލިއު ޓާގެޓަކަށް ވުމާ ގުޅިގެން އެމަނިކުފާނަށް ވަރަށް ގިނަ ބައެއްގެ ފަރާތުން ގެއްލުންލިބިދާނެ ކަމުގެ ބިރު އޮވޭ. އަލްގައެދާ މީހުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އުޅޭ އިސްލާމް އެކްސްޓްރީމިސްޓުން ބޮޑަށް މި ބަލަނީ،" ސަލާމަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދިއްލީގެ ސީނިއާ ފުލުހުންގެ އޮފިސަރެއް ވިދާޅުވި އެވެ.