25 Jan 2015, 13:12
ދެހާސް ތޭރަ ވަނަ އަހަރު ރާއްޖެ އަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދާ އަޅާ ބަލާ އިރު 2014 ވަނަ އަހަރު ރާއްޖެ އަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް އައިސްފައި ވަނީ 1،125،202 ޓޫރިސްޓުންނެވެ. ނަމަވެސް އެ އަދަދު 2014ގެ ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ 1،204،857 އަށް އިތުރުވެފަ އެވެ. އެއީ 79،655 ގެ އިތުރުވުމެކެވެ.
އެހެންކަމުން އެއީ 2014 ވަނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީން ރާއްޖެ އަށް ޓޫރިސްޓުން ގެނައުމަށް ކަނޑައެޅި ޓާގެޓަށް ވާސިލްވެވި، ޓޫރިސްޓުން ޒިޔާރަތްކުރި އަދަދަށް ލިބިފައިވާ 7.1 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ. އެގޮތުން 321561 ޓޫރިސްޓުން ފުރަތަމަ ކުއާޓަރުގައި ޒިޔާރަތްކޮށްފައިވީ ނަމަވެސް ދެ ވަނަ ކުއާޓަރުގައި ރާއްޖެއަށް އައީ 279952 ޓޫރިސްޓުންނެވެ. މުޅި އަހަރަށް ބަލާއިރު ޓޫރިސްޓުން އެންމެ މަދުން އައީ ދެވަނަ ކުއާޓަރުގަ އެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޗައިނާ އިންނެވެ. އެގޮތުން ޗައިނާ އިން ޓޫރިޒަމް މާކެޓްގެ 30 ޕަސެންޓް ހިއްސާކުރާ އިރު މިދިޔަ އަހަރު ޗައިނާ އިން 363،626 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މީގެ ކުރީ އަހަރާ އަޅާ ބަލާއިރު 9.6 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޔޫރަޕްގެ އެންމެ ބޮޑު މާކެޓް ކަމަށްވާ އިނގިރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދު 3.3 ޕަސެންޓް އިތުރުވި އިރު ޖަރުމަނުން އައި އަދަދު ވެސް ފަސް ޕަސެންޓް އިތުރުވެފައިވެ މެދު އިރުމަތިން ޓޫރިސްޓުން އައި އަދަދުވެސް ވަނީ އިތުރުވެފަ އެވެ.