ސިއްރުކޮށްފައިވާ ހެކީންގެ މައުލޫމާތު ގޭންގުތަކަށް ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވިގެން ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ޝަރީއަތްތަކާ ގުޅޭ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މީގެ ކުރިން ޝަރީއަތްތަކާ ބެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފަކު ކަމުގައިވާ އަބްދުލް އަޒީޒު ހަމީދު އޭނާ ކުރިން އަދާކުރަމުންދިޔަ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަޒީޒުއާ މެދު ފިޔަވަޅު އަޅާފައި ވަނީ ޕޮލިސް އިންޓެލިޖެންސުން، ތައްޔާރުކުރި ރިޕޯޓަކުން އޭނާ ހެކީންގެ މައުލޫމާތު ލީކުކުރާކަން އެނގިގެން ކަމަށެވެ.

އަޒީޒުގެ އިތުރުން އެ ކޯޓުގެ އިތުރު ދެ މުވައްޒަފަކު ވެސް، ހެކީންގެ މައުލޫމާތު ލީކްކުރާ ކަމަށް ތުހުމަތުކޮށް ފުލުހުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.