އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން އެކުލަވާލާފައިވާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ސާޗް އެންޑް ރެސްކިއު ޓާސްކްފޯހުވެ ތިން ވަނަ ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފި އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަހައްދާއި އެފްރިކާ ސަރަހައްދުން 18 ގައުމެއްގެ މަންދޫބުން ބައިވެރިވެ އެވެ. އައިކާއޯއާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އާއި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އާއި ކޮޕާރްސް-ސާރްސެޓްގެ ތަޖުރިބާކާރުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ އެވެ.

މިއަދު ފެށި ބައްދަލުވުމުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ސާޗް އެންޑް ރެސްކިއު (މީހުން ހޯދައި ސަލާމަތްކުރުމު)ގެ ކަންތައްތަކަށް މިސަރަހައްދުގެ ގައުމުތައް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމާއި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުން ހިމެނެ އެވެ. އަދި އެދާއިރާ އިން އަވަށްޓެރި އެކި ގައުމުތަކުގެ މެދުގައި އެއްބަސްވުންތައް އެކުލަވައިލުމާއި ހޯދައި ސަލާމަތްކުރުމުގެ ހިދުމަތް ފުރިހަމައަށް ދިނުމަށް ޓަކައި އަމަލުކުރަންވީ ގޮތްތަކެއް ކަނޑައެޅުމަކީ ވެސް ބައްދަލުވުމުގައި ކުރާނެ ކަމެކެވެ.

ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް ( އެމްއެންޑީއެފް)ގެ ކޯސްޓްގާޑާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއާއި އޭވިއޭޝަން ސިނާއަތުގެ ބައިވެރިންނެވެ.

ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން އިބުރާހީމް ފައިސަލްއެވެ. ބައްދަލުވުން ފަށްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ބައްދަލުވުމުގައި ގިނަ ގައުމުތައް ބައިވެރިވުމަކީ ސާޗް އެންޑް ރެސްކިއުގެ ހިދުމަތް ރަނގަޅު ކުރުމަށް އިސްކަން ދޭ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ބައްދަލުވުން ބާއްވަމުން މިދަނީ އޭވިއޭޝަން ދާއިރާގައި ހިނގި ހިތާމަވެރި ހާދިސާތަކެއްގެ ހަނދާންތައް ވަރަށް ތާޒާކޮށް ހުއްޓައި ކަމަށެވެ.