09 Feb 2011, 10:35
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނާއި ޕްރިންސިޕަލުންގެ އިތުރުން އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މީހުން ރަޖިސްޓްރީކޮށް، ކިޔަވައި ދިނުމުގެ ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ޓީޗަރުންނަށް ލައިސަންސް ދޫކުރާ ގޮތަށް ހަމަޖައްސާފައި ވަނީ، އެޑިޔުކޭޝަން މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް މީގެ ކުރިން ހުށަހަޅައިފައިވާ ޓީޗަރުންގެ ރަޖިސްޓްރީއާ ގުޅޭ ކަރުދާސް ދިރާސާކުރެއްވުމަށް ފަހު، ވަޒީރުންގެ ސަބް ކޮމިޓީން އިއްޔެގެ ކެބިނެޓް ބައްދަލުވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުންތަކާ މެދު ކެބިނެޓުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ޓީޗާ ލައިސަންސިންގ ތަޢާރުފުވުމާ އެކު، ރާއްޖޭގެ ހުރިހާ ޕްރީ-ސްކޫލަކުން ފެށިގެން މަތީ ސާނަވީ ސްކޫލް މަރްހަލާގައި ކިޔަވައިދޭ ޓީޗަރުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި އެފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މީހުން ނުވަތަ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކުން ރަޖިސްޓަރީކޮށް، ކިޔަވައިދިނުމުގެ ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓީޗަރުން ރަޖިސްޓަރީކޮށް، އެ ފަރާތްތަކަށް ލައިސަންސް ދިނުމުގެ ބޭނުމަކީ، ރާއްޖޭގެ ސްކޫލްތަކުގެ ތައުލީމީ ފެންވަރު މަތިކޮށް، ތައުލީމާމެދު އާންމުންގެ އިތުބާރު ހިފަހައްޓައި، ޓީޗަރުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ހިމާޔަތްކުރުމުގެ އިތުރަށް އެކަންކަން މޮނިޓާ ކުރުމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މިކަމުގެ ސަބަބުން، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައި ދެއްވާ ޓީޗަރުންނަކީ، އެކަމަށް ޤާބިލު، ކިޔަވައި ދިނުމުގެ ހުނަރު ލިބިފައިވާ، ކަމަށް އެކަށޭނަ ޢިލްމާއި ޙިލްމު ލިބި، ކުށުގެ ރެކޯޑުން ބަރީޢަވެފައިވާ، އަދި މުޖްތަމަޢު ގަބޫލު ކުރާ ކަހަލަ އަޚްލާޤީ ސިފަތައް ލިބިފައިވާ ބައެއްކަން ކަށަވަރުވެ، ސްކޫލު ނިޒާމާ ދޭތެރޭގައި ޢާންމުންގެ އިތުބާރު ބޮޑުވެގެންދާނެކަން ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ." ރައީސް މުހައްމަދު ނަޝީދު ޗުއްޓީގައި ހުންނެވުމާ ގުޅިގެން ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސަތު ބެލެހެއްޓެވި އެ ކެބިނެޓު ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނެ އެވެ.