25 Jan 2015, 12:16
ގދ. ނަޑެއްލާގައި އިމާރާތް ކުރަން ހަދާފައި ހުރި އަށިގަނޑެއް ވެއްޓި ފަސް މީހަކަށް އަނިޔާވުމުގެ ސަބަބުން އިތުރު ފަރުވާ ދިނުމަށް ދެ މީހަކު މާލެ ގެނެސްފި އެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު މިއަދު ވިދާޅުވީ ދެ މީހަކު މިހާރު މާލެ ފޮނުވާފައިވާ ކަމަށާއި އަދި ދެން ތިބި މީހުން މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އާސަންދައިގެ ކަންތައް ހަމަޖެހުނުހާ އަވަހަކަށް އެމީހުން ވެސް މާލެ ގެންދާނެ. އަޅުގަނޑުމެންނަށް ހޮސްޕިޓަލުން ދާދި ދެންމެއަކު މައުލޫމާތު ދިން ގޮތުގައި މިހާރު އެމީހުން މާލެ ގެންދިއުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނީ،" ނަޖީބު ވިދާޅުވި އެވެ.
ނަޖީބު ވިދާޅުވީ އެ އިއްޔެ ހެނދުނު 10:00 އެހައިކަންހާއިރު ހިނގި ހާދިސާގައި އަނިޔާވި ފަސް މީހުންނަށް ފުރަތަމަ ފަރުވާދިނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އެރަށު ޒިއުރިކުގޭގައި އިމާރާތް ކުރަން ހަދާފައި ހުރި އަށިގަނޑެއް ވެއްޓިގެން ކަމަށެވެ. އެ އަށިގަނޑުގެ މަތީގައި ތިބި ތިން މީހުންނާ އެކު އެތަނުގައި ތިބި ދެ މީހެއްގެ ގައިމައްޗަށް އަށިގަނޑު ވެއްޓިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފައިސަލް ވިދާޅުވީ އެ ފަސް މީހުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެކެއްގެ ބުރަކަށީގައި ރެނދުލާފައިވާ ކަމަށެވެ. އަދި ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެއްވެސް މީހަކަށް ހިނގައިބިނގާވެ ނޫޅެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.