25 Jan 2015, 12:12
ފ. ނިލަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް މިއަދު ހުޅުވައިފި އެވެ.
ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލް މަޖީދު އަލީ ވިދާޅުވީ މިއަދު 9:30 ގައި އެރަށުގައި ބޭއްވި ރަސްމިއްތެއްގައި ބީއެމްއެލް ބްރާންޗު ހުޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކަމަށެވެ.
ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ ބީއެމްއެލްގެ އެ ބްރާންޗުން ބީއެމްއެލްގެ ހުރިހާ ޚިދުމަތްތަކެއް ވެސް ލިބޭނެ ކަމަށް ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ.
"އަލަށް ތައާރަފްކުރި އިސްލާމިކް ބޭންކުގެ ޚިދުމަތް ވެސް ހިމެނޭގޮތަށް ބީއެމްއެލްގެ ހުރިހާ ޚިދުމަތްތަކެއް ވެސް ލިބޭނެ ބީއެމްއެލް ފ. ނިލަންދޫ ބްރާންޗުން،" އޮފިޝަލް ވިދާޅުވިއެވެ.
ނިލަންދޫގައި ބޭންކުގެ 27 ވަނަ ބްރާންޗު މިއަދު ހުޅުވާފައި ވަނީ އޭޓީއެމްގެ ޚިދުމަތާއެކު އެވެ. ބީއެމްއެލް އިން ބުނިގޮތުގައި މިހާރު ބޭންކުގެ ޚިދުމަތް ތައާރަފްނުކުރެވި ވަނީ ހަމައެކަނި ވ. އަތޮޅުގައެވެ.
އެ ރަސްމިއްޔާތުގައި ބީއެމްލްގެ ސީއީއޯ އެންޑްރޫ ހީލީ އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލުގެ އިތުރުން ނިލަންދޫ ކައުންސިލް މެމްބަރުންނާއި ފ. އަތޮޅު ކައުންސިލް މެމްބަރުންގެ އިތުރުން އެއަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގަތެވެ.