25 Jan 2015, 12:07
ނ. ވެލިދޫ ރައްޔިތުންގެ ޕްރީސްުކޫލުގައި ލައިފައިވާ ކުލަ ކަމުނުގޮސްގެންނާއި ކައުންސިލުން ޕްރީސްކޫލުގެ ޓީޗަރުންނާއި ބައްދަލުނުކޮށްގެން ކަމަށް ބުނެ އެސްކޫލްގެ ކިޔެވުން ހުއްޓާލައިފި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 131 ކުދިން ތައުލީމު ހާސިލް ކުރާ އެ ޕްރީ ސްކޫލްގެ ޓީޗަރުން މިއަދު ކިޔަވައި ނުދޭތީ ބެލެނިވެރިން ވަނީ ދަރިވަރުންތައް ގޮވައިގެން ކައުންސިލް އިދާރާގެ ދޮށަށް އެއްވެފަ އެވެ. އެކަމާ ގުޅޭ ގޮތުން އެ ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ޒީހާން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ޕްރީ ސްކޫލުގެ ކިޔެވުން މިއަދު ހުއްޓާލީ އެ ސްކޫލުގެ ދަރިންވަރުންނަށް ތައުލީމް ދިނުމަށް ކޮންމެހެން ކުރަން ޖެހޭ ކަންކަން ވެސް ކައުންސިލްއިން ކޮށްދީފައިނުވާތީ ކަމަށެވެ. އޭގެ ތެރޭގައި ޕްލޭ ގްރައުންޑަށް ގެންނަން ޖެހޭ ބަދަލުތަކެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ކަންކަން އިސްލާހުނުވާތީ އެކަންކަން ހިއްސާކުރުމަށް ކައުންސިލާ ބައްދަލުކުރުމުން މެސެޖެއް މެދުވެރިކޮށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ކައުންސިލާ ބައްދަލުކުރެވި ކުރިއަށް އޮތް ތަނުގައި ކިޔެވުންދިނުން ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ. މިއަދު ކިޔަވަިއނުދިނުމުން އޭގެ ބަދަލުގައި އަންނަ ހޮނިހިރު ދުވަހު ކިޔަވައިދޭން ނިންމާފައި ކަމަށް ވެސް ވިދާޅުވި އެވެ.
ފާރުގެ ކުލަ މައްސަލާގައި ޓީޗަރުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ދެކެވޭ ވާހަކާގައި ވަނީ އެދެވޭ ޖަވާބެއް ނުލިބިފަ އެވެ.
ވެލިދޫ ކައުންސިލް ހިންގުމާ ހަވާލުވަޑައިގެން ހުންނެވި އިބްރާހިމް އަލީ މިއަދު ސަން އަށް ވިދާޅުވީ ޕްރީ ސްކޫލް ޓީޗަރުން ކިޔަވައިދިނުން ހުއްޓާލަން އުޅޭކަމެއް ކުރިން އެނގިފައެއްނެތް ކަމަށާއި ޓީޗަރުން ކިޔަވައިދިނުން ހުއްޓާލީ ކައުންސިލް އާއި ބައްދަލުކުރުމަށް ފަހު ނޫނީ ކިޔަވައި ނުދޭން ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ކައުންސިލްއާއި ބައްދަލުކުރުމަށް ޕްރީ ސްކޫލްއިން ހުށައަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލް އާއި އެބޭފުޅުން ބައްދަލު ނުކުރެވުނީމަ އެބޭފުޅުން ބޭނުންނިވީ އިތުރަށް ކައުންސިލްއާއި ބައްދަލުކުރުމަށް ފަހު ނޫނީ ކުރިއަށް ގެންދަން. އެއީ ބައްދަލުވުމުގެ ތެރެއިން ލިބުނު މައުލޫމާތެއް، އޭގެ ކުރިން ކައުންސިލް އާއި ބައްދަލުކުރަން އުޅޭކަން އަޅުގަނޑަކަށް އެނގިފައެއްނެތް." އިބްރާހިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެމައްސަލަ ހައްލުކުރުމަށް ކައުންސިލް އިން ބެލެނިވެރިންނާއި ޕްރީ ސްކޫލް ޓީޗަރުންނާ އެކު މީޓިންއެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުން އެނގުނު ގޮތުގައި ޓީޗަރުންގެ ކަންބޮޑުވުން ހުރީ ޕްރީ ސްކޫލުގެ ފާރުގައި ލާފައިވާ ކުލަ ކަމު ނުދިނުން ފަދަ މައްސަލަތައް ކަމަށް ވިދާޅުވި އެވެ. އެ ސްކޫލްގައި ލައިފައި ވަނީ ރީނދޫ ކުލައާއި ފެހިކުލައެވެ.
"މުސާރަ ފަދަ އެއްވެސް ހިންހަމަ ނުޖެހުމެއް [ޓީޗަރުންގެ ނެތް] އެބޭފުޅުންގެ ހުރީ ވަރަށް އާދައިގެ ކޮންސާނުތަކެއް، އެތާގެ ފާރުގައި ލައިފަ ހުރި ކުލައެއްގެ ކަމަކާއި އެތަނުން ކުދިންނަށް ބޭނުންވާނެ އެއްވެސް ހިދުމަތެއް ނުލިބިގެންނެއް ނެތް ނުކުރެވިއެއް." އިބްރާހިމް ވިދާޅުވި އެވެ.