25 Jan 2015, 11:45
މަންދު ކޮލެޖުގެ އެއްބަސްވުން ބާތިކޮށް 15 ދުވަހުގެ ތެރޭގައި އެތަން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް ނޯޓިސް ދީފި އެވެ.
އެނގިފައިވާ ގޮތުގައި އެއްބަސްވުން ބާތިލުކުރުމަށް ނޯޓިސް ފޮނުވާފައި ވަނީ މިއަދު އެވެ.
"ސަން"އާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ އެމްއީއެސް ހިންގަމުން އައީ އެތަނުގެ ވެރިންނާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އެތަނުގެ އެއްބަސްވުން ހަމަވުމުން އަލުން އެމްއީއެސް އެތަނުގެ ވެރިންނާ ހަވާލުކުރެވުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެހެންނަމަވެސް އޭރު އެމްއީއެސްގެ ވެރިން ހެއްދެވި ގޮތަކީ އެބޭފުޅުންނަށް އެގްރީމެންޓުގެ ދަށުން ލިބިފައިވާ ބާރެއްގެ ދަށުން އެތަން [އެމްއީއެސް] ތިންވަނަ ފަރާތަކަށް މި ދިނީ. އެގްރީމެންޓުގައި އޮންނާނެ އެތަނުގައި ހިންގަން ވާނީ ސުކޫލެކޭ. ނަމަވެސް އެތަނުގައި ކޮލެޖެއް މި ހިންގަން ފެށީ. އެއީ މަންދޫ ކޮލެޖު. އެއީ އަޅުގަނޑުމެން އެއްބަސްވުން ބާތިލްކުރަން ޖެހުނު ސަބަބަކީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެއްބަސްވުން ބާތިލް ކުރި ކަމަށް ބުނެފައިވާ ނޯޓިސްގެ އިތުރުން އެތަނުގައި ކިޔެވާ ކުދިންގެ ހިމާޔަތުގައި ސަރުކާރުން ތެދުވަން ތައްޔާރަށް ތިބި ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާނެ ކަަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަންދު ކޮލެޖުގެ ބޭފުޅުންނާއެކު މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަދި މަންދު ކޮލެޖުގެ ފަރާތުން އެކަމަކަށް އެއްވެސް އިޝާރާތެއް ނާންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މަންދު ކޮލެޖަށް ގުޅުމުން ބުނީ "ތިކަމާ ގުޅިގެން އެއްވެސް ކޮމެންޓެއް ކުރަން ބޭނުންވާ ނުވާ،" ކަމަށެވެ.
ދިހަ އަހަރު ދުވަހުގެ މުއްދަތަށް މަންދު ކޮލެޖަށް ދީފައިވާ އެމްއީއެސް އިމާރާތަކީ ކުރިން ރާއްޖޭގައި ގިނަ އަދަދެއްގެ ކުދިންތަކެއް ކިޔަވަމުން ދިޔަ މަޝްހޫރު ސުކޫލެކެވެ. މިތަން ކޮލެޖަކަށް ބަދަލުކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައި އެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކޮށް 2012 ވަނަ އަހަރު ނެރުނު އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ މަންދު ކޮލެޖް ހިންގަން އެމްއީއެސް އިމާރާތް ހަވާލުކުރުމުގައި ގަވާއިދާ ހިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ނުހިންގައި، ކޮލެޖް ހިންގާ ނަމަ އެތަން ބީލަމަކަށް ލައިގެން ބަޔަކާ ހަވާލުކުރުމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައި އެވެ.